މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން މިއަދު ކުރިއަށް ގެންދާ ދެވަނަ ބުރުގައި މެންދުރު ފަހު 1:00 އާ ހަމައަށް 47 ޕަސެންޓް މީހުން ވޯޓު ލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މެންދުރު ފަހު 1:00 އާ ހަމައަށް ޖުމްލަ 2867 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ އެ ކޮމިޝަނުން ބުނި ގޮތުގައި 1،362 އަންހެނުންނާއި 1،505 ފިރިހެނުންނެވެ.
މިއަދު ބާއްވާ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 6،093 މީހުންގެ ތެރެއިން އެހާ ތަނަށް ވޯޓުނުލާ ތިބީ 3،226 މީހުންނެވެ. މި ބުރުގައި ވޯޓުލުމުގެ ހައްގު އޮތީ 2،901 އަންހެނުންނަށާއި 2،192 ފިރިހެނުންނަށެވެ.
ދެވަނަ ބުރު ބާއްވާ ދާއިރާތައް:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) - އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް.
- ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ.
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ.
- ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ.
އީސީން ކުރިން ބުނެފައި އޮތީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.
އެ ކޮމިޝަނުން އޭރު ބުނި ގޮތުގައި ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.