މިހާތަނަށް ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނުއަސާސީ އަށް ހުށަހަޅަމުންދަނީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށާއި ކުރަންޖެހޭ މައިގަނޑު ކަމަކީ ބައެއް މާއްދާތައް ތަފުސީލް ކޮށްދިނުން ކަމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ރޭ ވިދާޅުވެއްޖެ އެވެ. 

މިހާރު އަމަލުކުރާ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާ އެހެން ވިދާޅުވީ، އޭނާގެ ކޮއްކޮ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. 

ނަޝީދާއި ފައްޔާޒު އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، އިސްލާހުތަކެއް އާންމު ކުރައްވައިފަ އެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާ އާއި ނަޝީދު ހުށަހަޅުއްވާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ "މަސްހުނި ނިޒާމެއް" ކަމަށް ވިދާޅުވި އެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި އެ ދެ ބޭފުޅުން ބޭއްވެވި ޕްރެސް ބްރީފިންގައި ފައްޔާޒު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެކެވެ. 

ނަޝީދާއި ފައްޔާޒުގެ ޕްރެޒެންޓޭޝަންގެ ބަހުސް ވައިގައި ހިފާފައިވާ މި ދަނޑިވަޅުގައި އިބްރާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އޮތީ ފުރިހަމަ ރިޔާސީ އަދި ފުރިހަމަ ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށެވެ. 

"މިހައިތަނަށް ހުށަހެޅެމުންދާ ބަދަލުތަކަކީ އަދި ރަނގަޅު ބަދަލުތަކެއް ނޫނެވެ. މައިގަނޑު ގޮތެއްގައި، ކުރާން އޮތް ކަމަކީ ބައެއް މާއްދާތައް އިތުރަށް ތަފްސީލު ކުރުމެވެ،" އިބްރާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ. 

"މިހައިތަނަށް ނުރަނގަޅުކޮށް މާނަކުރެވިފައި ހުރި މާއްދާތައް، އޮޅުން ނާރާނޭ އިބާރާތުން ލިއުމެވެ. ގިނަ ކަންކަމަކީ، ވަގުތު ނަގައިގެން، ސުޕްރީމް ކޯޓުގައި ބަހުސް ކުރުމަށް ފަހު ރަނގަޅަށް މާނަކޮށްދިނުމުން ހައްލުވާނޭ ކަންކަމެވެ."

މީގެ 18 އަހަރު ކުރީގެ ހަނދާންތައް އާ ކުރައްވަމުން އިބްރާ ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވައިލީ ރައްޔިތުންގެ ގިނަ މަޝްވަރާއާ އެކު، ބަހުސްކޮށް، ޒުވާބުތަކުގެ ތެރޭގައި އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ. އެއްބަސްވުމަކަށް އާދެވުނީ އޭނާ ފާހަގަކުރެއްވި ގޮތުގައި "މަސްހުނި" ނިޒާމެއް ހިންގާށެވެ. 

އިބްރާ ވިދާޅުވީ، މިހާރު ހިނގާ ވެރިކަމުގެ ނިޒާމު އެކުލަވާލުމަށްޓަކައި 22 ގައުމެއްގެ ގާނޫނުއަސާސީ ދިރާސާކުރި ކަމަށެވެ.

"މި ކަމުގައި އޭރު ދުނިޔޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު 4 މާހިރުންގެ ތެރެއިން އެއްބޭފުޅަކު، ދޮޅު އަހަރު ވަންދެން އަހަރެމެންނާ އެކު މަސައްކަތް ކުރެއްވި އެވެ. ފުރަތަމަ ޑްރާފްޓަށް ފަހު، އިސްލާމީ ޝަރީއާގެ ދާއިރާގެ އެންމެ މަޝްހޫރު އެއް ކޮންސްޓިޓިއުޝަނަލް އެކްސްޕާޓް ގެނެސްގެން، އިސްލާމް ދީނާ ހިލާފު ކަމެއް އޮތްތޯ ބެލީމެވެ،" އިބްރާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ދިވެހިން މިހާރު އަމަލުކުރަނީ ދުނިޔޭގައި މިވަގުތު އެންމެ "ޕްރޮގްރެސިވް" ހަތަރު ގާނޫނުއަސާސީގެ ތެރޭގައި ހިމެނޭ ގާނޫނުއަސާސީއަކަށް ކަމަށް ފޮތްތަކުގައި ލިޔެފައި އެބަހުއްޓެވެ.

"މީގެ މާނައަކީ އެޔަށް ގެނެވިދާނޭ، އަދި ގެނައުން މުހިންމު ބަދަލު ނެތެކޭ ނޫނެވެ. އެބަހުއްޓެވެ. މި ފާއިތުވީ 16 އަހަރުގެ ތެރެއިން އެކަންކަން ފާހަގަވެއްޖެ އެވެ،" އިބްރާ ވިދާޅުވި އެވެ.

ނަމަވެސް މިހާތަަނަށް ހުށަހަޅަމުންދަނީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށާއި ގެންނަން ޖެހެނީ ކުދިކުދި އިސްލާހުތަކެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.