ދައުލަތުން ހަރަދުކޮށްގެން ވެސް މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭން ޖެހޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝަމްހީދު ވިދާޅުވީ ރައްޔިތުން ކާންބޯން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރެވޭނެ ގޮތެއް ހޯދައި ދިނުމަކީ ދައުަލަތުގެ ޒިންމާއެއް ކަމަށާއި ރަޝިޔާ- ޔުކްރޭނު ހަނގުރާމަ ފެށި ވަގުތު، އެމްޑީޕީގެ ސަރުކާރުން އެކަން އެގޮތަށް ކުރި ކަމަށެވެ. އޭރު ތެލުގެ އަގު ހެޔޮކުރަން ދައުލަތުން ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދައުލަތަކު މިއަދު ނެތް ފައިސާއެއް، ތެޔޮ ގަންނާނެ ފައިސާއެއް ނެތް. އެހެން ނޫން ނަމަ ދިވެހި މަސްވެރިން ކީއްވެތޯ މިއަދު 33 ރުފިޔާއަށް ތެޔޮ ލީޓަރެއް ގަންނަން ޖެހެނީ؟ ދައުލަތެއްގެ ޒިންމާއަކީ ދިވެހި ރައްޔިތުން ކާންބޯން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރެވޭނެ ގޮތެއް ހޯދައިދިނުން. އެމްޑީޕީ ސަރުކާރުން ރަޝިޔާ ހަނގުރާމައިގައި އެކަން ކުރި،" ޝަމްހީދު ވިދާޅުވި އެވެ.

މަސްވެރިންނަށް ތެޔޮ ލިބުން ދަތިވެފައިވާ ކަމަށާއި އޭގެ ސަބަބުން މަސްދޯނިފަހަރު ހުއްޓިފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމުން އެ ހަބަރުތަކާ މެދު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިކަމުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ "ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ ކަން ކަށަވަރުކުރުން" ކަމަށެވެ. ސަރުކާރުން އަންނަނީ ތެލުގެ ކަންތައް ވީ އެންމެ ރަނގަޅަކަށް މެނޭޖްކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށް ވެސް މިގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިން ވެސް އެކަން ޝުކުރުވެރިކަމާ އެކު ބަލައިގަނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝަމްހީދާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބެނީ ވަކި ރަށްތަކަކުން ކަމަށެވެ. އެގޮތަށް ތެޔޮ ހޯދަން ދަތުރުކުރަން ގިނަަ އަދަދެއްގެ ތެޔޮ އަންދަން ޖެހޭ ކަމަށް ވެސް ފިއްޓޭ ވިދާޅުވި އެވެ.

"ސަރުކާރުން އެ ބުނަނީ ތެލުގެ ކަންތައް ހަމަޖެހިއްޖެޔޭ، ތެލަކަށް މަސްވެރިންނަކަށް ދައްޗެއް ނުވާނޭ. އެއީ ތެދެއް އެއް ގޮތަކުން، ފާފަވެރި ނުވާވަރު ދޮގެއް. ތެޔޮ ގަންނަން އަންނަން ޖެހެނީ ކޫއްޑޫއަށް، ތިން ޓަނު ކިރީމާ 600 ލީޓަރު ލިބެނީ، އެސްޓީއޯ ރޭޓުން. ގަންނަން އަންނަން ޖެހެނީ، 600 ލީޓަރު ގަންނަން އަންނަން ޖެހެނީ 500 ލީޓަރު ހަރަދުކޮށްފައި،" ފިއްޓޭ ވިދާޅުވި އެވެ. 

ތެޔޮ ލިބުން ދަތިވެ، މަސްވެރިކަން ހުއްޓިފައިވާ ކަމަށް ފެތުރުނު ހަބަރު ދޮގުުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ  ރާއްޖޭގެ މަސްވެރިކަން މިފަހުން ދަށްވީ މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި ރާއްޖެއަށް ވެސް އެންވެރިކަން ދަށްކޮށް، ގިނަ ދުވަސްތަކެއް ހޭދަވުުމުންނެވެ. ނަމަވެސް އެންވެރިކަން ރަނގަޅުވާން ފެށުމާ އެކު މަސްވެރިކަން ވެސް މިހާރު އަންނީ ރަނގަޅުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

"އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ވެސް ކުރެވޭނެ. ސަރުކާރުން މިދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުން ބަލައި މަސްވެެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން،" ޝިޔާމް ވިދާޅުވި އެވެ. 

މަސްވެރިކަމުގެ އިންޑިސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން އެ އިންޑަސްޓްރީއާ މަޝްވަރާކޮށްގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.