ވީރާނާވެ، ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް އާންމުންނަށް ހުޅުވާލައިފި އެވެ.
ސުނާމީ ބިނާގެ ބޮޑު ބައެއް ހަލާކުވުމުގެ ސަބަބުން އެތަން މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އޭރު އެ މައިޒާނުގެ ނެރާ ދިމާލުން ބޮޑު ސަރަހައްދެއްގައި ގާތަށް ނެއްޓި އޮތީ މޫދަށް ދަމައިގެންފަ އެވެ. އެ ތަނުގެ ނަން ބޯޑު ވެސް ހަލާކުވެފައި ހުރިއިރު އެ ސަރަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ވެސް ބަދަލުނުކުރާތީ އަލިކަމެއް ނޯވެ އެެވެ.
އެމްޓީސީސީން މައިޒާން މަރާމާތުކުރުމުގެ ހުރިހާ މަސައްކަތެއް މި މަހުގެ 2 ވަނަ ދުވަހު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެތަން އާންމުންނަށް ހުޅުވާލީ މިއަދެވެ.

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތަނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު އަލުން އެއްވަރުކޮށް، ގާ ޖަހާފައިވާއިރު މޫދާ ދިމާލަށް އޮންނަ ފާރުގައި ވަނީ ފެންސު ޖަހައި ރީތިކޮށްފަ އެވެ.
ކުރިން އެ ތަނުގައި އިށީނދެލައިގެން ތިބުމަށް ޖޯލި ބަހައްޓާފައި ހުއްޓަސް ޖޯލިފަތީގެ ވާތަށް ކެނޑި އެތަން ވެސް ހުރީ ހަލާކުވެފަ އެވެ. އެކަމަކު އެތަން މަރާމާތު ކުރިއިރު މުޅި ތަން ވަށައިގެން ލައިޓް ހަރުކޮށް، އެތަނުގައި އިށީނދެލައިގެން ތިބެވޭނެ ގޮތަށް ހުރީ ހަދައިފަ އެވެ.

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާގެ ދަގަނޑުތަކުގައި ޖަހާފައިވާ ދަބަރުތައް ފިލުވައި އޭގެ މަރާމާތުގެ މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ.
ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖު ހަދާށެވެ. އެއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ބިނާއެކެވެ.