ސްޕޯޓްސް މިނިސްޓްރީގެ ކޮންސަލްޓަންޓްގެ މަގާމަށް، ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފި އެވެ.
ކޮންސަލްޓަންޓްގެ މަގާމުގައި މާއްޓޭގެ މަސްއޫލިއްޔަތަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިސެންޓްރަލައިޒް ކުރުމުގެ މަސައްކަތުގައި މިނިސްޓަރު އަބްދުﷲ ރާފިއު އަށް ލަފާދެއްވުމެވެ.
ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓިޓިއުޓުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މާއްޓޭ ވިދާޅުވީ، އޭނާ ހަވާލުވީ ރާއްޖޭގެ ކުޅިވަރުގައި ވަރަށް މުހިންމު މަސައްކަތެއްގައި ކޮންސަލްޓެންސީ ފޯރުކޮށްދިނުމަށެވެ.
"ކުޅިވަރުގެ 20 އަހަރުގެ މާސްޓާ ޕްލޭނުގައި އޮތް ވަރަށް މުހިންމު ކަމެއް، ރާއްޖޭގެ ކުޅިވަރުތައް ޑިސެންޓްރަލައިޒް ކުރުން. މިއީ ވަރަށް އެކަޑަމިކް މަސައްކަތެއް ވެސް މެ،" ކުޅިވަރު މާކެޓިންގެ ދާއިރާއިން ވެސް މާސްޓާސް ޑިގްރީއެއް ހެއްދެވި މާއްޓޭ ވިދާޅުވި އެވެ.
މާއްޓޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.
ކުރީގެ ގޯލްކީޕަރު ވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ރާއްޖޭގެ ފުޓްބޯޅައިގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ތަށި ހޯދި ކޯޗަކީ މާއްޓޭ އެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ޖުމުލަ 13 ތަށި ހޯދާފަ އެވެ.
މާއްޓޭ މީގެ ކުރިން ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އެފްއޭއެމްގެ އެވޯޑް ކޮމިޓީގެ ޗެއާމަނަކީ ވެސް އޭނާ އެވެ.