ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތައް ދެއްކުމުން މިއަހަރުގެ ކުރިން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެމްޑަބްލިއުއެސްސީން އަނެއްކާވެސް ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ބިލްތައް ގަވާއިދުން ދައްކާ މީހުންނަށް މާފުކޮށްދޭނީ މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. 

ޖޫރިމަނާ މާފުކޮށްދިނުމުގެ އިތުރުން ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުމުގައި ލުޔެއް ދޭން ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން މިހާތަނަށް ނުދައްކާ ހުރި ފައިސާ  މަހުން މަހަށް ބަހާލައިގެން ދައްކަން އެދޭ އެދޭ ކަސްޓަމަރުންނަށް އެގޮތަށް ހަމަޖައްސައިދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޖޫރިމަނާ މާފުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"...ވީމާ ނުދެއްކި ގިނަ ދުވަސްވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވަން މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދަވަން ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރަމެވެ،" އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ބުންޏެވެ. 

މީގެކުރިން ވެސް ފެން ބިލްތަކުގެ ޖޫރިމަނާ ދެއްކުމުގައި ލުއި ގޮތްތަކެއް އެ ކުންފުނިން ހަމަޖައްސައިދިނެވެ.