13 އެޕްރީލް 2017 - 06:00

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމަކީ އަންނަ މަހު ރިލީޒް ކުރާ "ހާފް ގާލް ފްރެންޑް" އެވެ. އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް މި މަހުގެ 10 ވަނަ ދުވަހު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ފިލްމް ވަރަށް ރީތި ވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ފިލްމުގެ ލީޑް ރޯލް ކުޅެފައިވާ އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ކެމިސްޓްރީ ވަރަށް ރީތިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
މިއީ މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.
"ހާފް ގާލްފްރެންޑް" އަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗެތަން ބަގަތު ހަމަ އެ ނަމުގައި 2014 ގައި ނެރުނު ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މީގައި ކިޔައިދެނީ އިނގިރޭސި ބަސް ނޭނގޭ ބިހާރުގެ ރަށްފުށުގެ އާދައިގެ ޒުވާނަކާއި ކިޔަވައިގެން ހުރި ދިއްލީގެ މުއްސަނދި އަންހެން ކުއްޖަކާ ދެމެދު ހިނގާ ލޯބީގެ ކަންތައްތަކެކެވެ.
ޗެތަންގެ ވާހަކަތަކަށް މީގެ ކުރިން ވެސް ވަނީ ކާމިޔާބު ފިލްމުތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި 3 އިޑިއަޓްސް، ކައި ޕޯ ޗޭ އަދި 2 ސްޓޭޓްސް ފާހަގަކޮށްލެވެ އެވެ. "ހާފް ގާލްފްރެންޑް" ފިލްމެއްގެ ގޮތުގައި ގެނެސް ދެނީ "އާޝިގީ 2" އާއި "އެކް ވިލަން" ފަދަ ކާމިޔާބު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މޯހިތު ސޫރީ އެވެ.
"ހާފް ގާލްފްރެންޑް" އަކީ 2015 ގައި ރިލީޒް ކުރި "ހަމާރީ އަދޫރީ ކަހާނީ" އަށް ފަހު، މޯހިތު ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި މި ފިލްމުގައި "އާޝިގީ 2" ގައި ހުރި އަސަރު އެބަހުއްޓެވެ. އަދި މޯހިތުގެ ފިލްމްތަކުގައި ހުންނަ ކަހަލަ ހިތްގައިމު ލަވަތަކެއް "ހާފް ގާލްފްރެންޑް" އިން ވެސް އިވިގެން ދާނެ އެވެ.
އެހެންވެ ފިލްމް ގިނަ ބަޔަކަށް ކަމުދާނެ އެވެ. "ހާފް ގާލްފްރެންޑް" ގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާ އާއި އެމެރިކާގަ އެވެ.
އެކްތާ ކަޕޫރުގެ ބަލާޖީން އުފައްދާފައިވާ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 19 ގަ އެވެ.