12 އެޕްރީލް 2017 - 11:55

މިއުނިކް (އޭޕްރިލް 12) – ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އަށް ކުޅެވޭނެކަން ޔަގީންނުވާ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މި ސީޒަނުގައި 38 ގޯލް ޖަހާފައިވާ ފޯވާޑް ވަނީ ޗެމްޕިއަންސް ލީގުގައި ހަތް ގޯލް ކާމިޔާބުކޮށްފަ އެވެ. އޭނާގެ ކަނާތު ކޮނޑަށް އަނިޔާވީ ޖަރުމަން ލީގުގައި މި ހަފުތާގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-1 އިން ބަޔާން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ.
"އޭނާ މިއަދު (އިއްޔެ) ތަމްރީން ހެދީ އެންމެ 20 މިނެޓު. ކޮންމެވެސް ވަރަކަށް ރަނގަޅު އެކަމަކު ކުޅުމާ މެދު ގޮތެއް ނިންމާނީ މާދަމާ (މިއަދު). ތަދުވަންޏާ ނުކުޅޭނެ،" އަންޗެލޮޓީ ބުންޏެވެ.
ލެވޮންޑޮސްކީ އަށް ނުކުޅޭވޭ ނަމަ ބަދަލުގައި އަރާނީ ޖަރުމަން ފޯވާޑް ތޯމަސް މުލާ އެވެ. އަނިޔާގެ ސަބަބުން ބައެއް މެޗުތައް އޭނާ އަށް ގެއްލިފައިވާއިރު ފޯމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.
"ލެވޮންޑޮސްކީ އަށް ނުކުޅެވުނު ނަމަވެސް އަހަރެމެންގެ ޕްލޭނަށް ވެސް ތައްޔާރީތަކަށް ވެސް ބަދަލެއް ނާންނާނެ،" އަންޗެލޮޓީ ބުންޏެވެ. "އޭނާ އަކީ މޮޅު ކުޅުންތެރިއެއް އެކަމަކު ބަދަލުގައި އަރަން އެބަތިބި މޮޅު ކުޅުންތެރިންތަކެއް."
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.