12 އެޕްރީލް 2017 - 21:24

ނޫސްވެރިކަން ކުރުމުގައި ދިމާވާ ކަންބޮޑުވުންތައް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ހަތަރު ރައީސަކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެމްއެމްސީގެ ރައީސްކަން މިހާތަނަށް ކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅަކު ވަނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެ އެއްބަސްވުމުގައި ސޮއިނުކުރައްވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެކަންޏެވެ.
މީޑިއާ އަށް އެކި ފިއްތުންތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައި، މި އިގްރާރުގައި ސޮއިކުރެއްވީ މުހައްމަދު ނަޒީފާއި ހުޝާމް މުހައްމަދާއި އަބްދުﷲ މުއާޒް ޔޫސުފް އަދި މުހައްމަދު އާސިފް (މޮންދު) އެވެ.
އެ ހަތަރު ބޭފުޅުން ސޮއިކުރައްވައި އެމްބީސީއަށް ފޮނުއްވި ސިޓީގައި ބުނީ ސިޔާސީ ހަލަބޮލިކަން އަންނަ ކޮންމެ ވަގުތަކު އެކަން ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް އެކި ގޯނާތައް ކުރިމަތިވަމުން ދާ ކަމަށާއި ނަމަވެސް އެކަމާ މެދު އެ ކޮމިޝަނުން އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ފަހި މާހައުލެއް ނެތްއިރު، އެކަމަށް އެމްބީސީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ފަހަކަށް އައިސް ބްރޯޑްކާސްޓަރުންނާމެދު އެ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މީޑިއާއެއް ވުޖޫދުން ނެތިދިއުމަށް މަގުފަހިވާ ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސިޓީގައި ބުންޏެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުން ފާހަގަކޮށްފައި ވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ ބްރޯޑްކޮމް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ޓީވީ ޖޫރިމަނާކޮށްފަ އެވެ. އަދި ގެނެސްދިން ހަބަރަކާ ގުޅިގެން، 250،000ރ. އިން ވެސް ކުރިން ޖޫރިމަނާކުރި އެވެ. ނަމަވެސް ފުރަތަމަ ޖޫރިމަނާ މިހާރު ވަނީ އެއްކޮށް ދައްކައިފަ އެވެ.
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މައްސަލަ، ކަމުގެ ފަންނީ ބޭފުޅުން ހިމަނައިގެން އިންސާފުވެރިކަމާއެކު އަލުން މުރާޖާއާ ކޮށް، ކުށެއް ސާބިތުވާ ނަމަވެސް ސްޓޭޝަން އުވިގެން ދިއުމަށް މަގުފަހިނުވާނެ އަދަބެއް ކަނޑައަޅައިދިނުމަށް އެ ހަތަރު ބޭފުޅުން ވަނީ އެދި ވަޑައިގެންފަ އެވެ.
"މީޑިއާއާ ގުޅުން އޮތް މުއައްސަސާއަކުން، މީޑިއާއަކާ ދެކޮޅަށް ފިޔަވަޅެއް އަޅުއްވާއިރު ރާއްޖޭގެ މީޑިއާތަކުގެ ހާލަތަށް ރިއާޔަތްކޮށް، މީޑިއާއެއް ހުއްޓުމަކަށް އައިސް، މީޑިއާއެއްގައި މަސައްކަތް ކުރާ ފަރާތްތައް މަގުމަތިވެގެން ނުދާނެ ފަދަ ގޮތަކަށް ވިސްނުން ބަހައްޓަން ޖެހޭނަކަމަށް ގަބޫލުކުރެވޭހިނދު، މަތީގައި ދެންނެވުނު މައްސަލާގައި މި ދެންނެވި ބީދައިން ވިސްނުން ގެންގުޅުއްވާފައި ނެތްކަން ފާހަގަކޮށް އެކަމާ އަޅުގަނޑުމެން ހިތާމަކުރާކަން ފާހަގަކުރަމެވެ،" ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހަތަރު ބޭފުޅުން ފޮނުއްވި ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދިނުމާއި އެ ފަރާތްތަކަށް ފިޔަވަޅު އަޅާއިރު، ސިޓީގައި ފާހަގަކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދިނުމަށް އެމްބީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.