ދުނިޔޭގެ
އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ހޮސްޕިޓަލިޓީ ހިދުމަތް
ފޯރުކޮށްދޭ ކުންފުނި ކަމަށްވާ އޮން ލޮކޭޝަނުގެ އައިޓީ އިސް ރޯލެއް އެމެރިކާގައި
ދިރިއުޅޭ ދިވެއްސެއް ކަމަށްވާ މުހައްމަދު ޝަހީނަށް ލިބިއްޖެ އެވެ.

އޮން ލޮކޭޝަނަކީ،
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އަންނަ ހަފުތާގައި ފަށާ ވޯލްޑް ކަޕުގެ މެޗުތަކަށް
ވަޑައިގަންނަވާ އިސްވެރިންނާއި، ސްޕޮންސަރުންނާއި، ކޯޕަރޭޓުގެ ދަތުރުފަތުރާއި،
ޕްރޮގްރާމްތައް ރާވައި، ވިއްކައި، ދަނޑުގައި އެ މީހުން ތިބޭ ސަރަހައްދުގައި ހިދުމަތްތައް
ފޯރުކޮށްދޭ މުބާރާތުގެ އޮފިޝަލް ހޮސްޕިޓާލިޓީ ޕާޓްނަރެވެ. މިއީ އޮލިމްޕިކްސް އާއި
ސުޕަބޯލް ފަދަ ބައިނަލްއަގްވާމީ އެހެން އިވެންޓްތަކަށް ވެސް އެ ހިދުމަތްދީފައިވާ
ކުންފުންޏެކެވެ.

އެ
ކުންފުނިން މިދިޔަ އޭޕްރިލް މަހު ޝަހީން ހަމަޖައްސާފައިވަނީ ލީޑް ވެނޫ ޓެކްނޮލޮޖީގެ
ރޯލަށެވެ. އޭނާގެ ޒިންމާއަކަށްވާނީ އެ ކުންފުނީގެ ފަރާތުން ސްޓޭޑިއަމްތަކުގައި
އައިޓީގެ އެންމެހާ ކަންކަން ރާވައި، ލީޑުކޮށް، ބެލެހެއްޓުމެވެ.

އައިޓީ
ދާއިރާގައި ވޭތުވެދިތަ 25 އަހަރު މަސައްކަތްކޮށްފައިވާ ޝަހީން ހާއްސަވެފައިވަނީ ސިސްޓަމް
އެޑްމިނިސްޓްރޭޝަނާއި، ނެޓްވޯކްޑް މެނޭޖްމަންޓް އަދި ޓެކްނިކަލް ސަޕޯޓަށެވެ. އޭނާ
ވަނީ އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދައިފަ
އެވެ.

ވޯލްޑް
ކަޕުގައި ދިވެއްސަކު އެންމެ ބޮޑު ދައުރެއް އަދާކުރީ 2002 ގައި ކޮރެއާ/ ޖަޕާނުގައި
އޮތް ވޯލްޑް ކަޕުގައި ލައިންސްމަން މުހައްމަދު ސައީދެވެ. އޭނާ ވަނީ މުބާރާތުގެ ވަރަށް
ގިނަ މެޗުތަކެއްގައި ރޮނގު ބަލަހައްޓައިފަ އެވެ.