ރާއްޖޭގައި ނައްތާލާފައިވާ ހިމަބިއްސަށް މިދިޔަ ހަފްތާގައި އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އެ ހަތަރު ކޭސް ވެސް ފެނުނީ މާލޭ ސަރަހައްދުންނެވެ. އެއާ އެކު މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު އަދަދު ވަނީ 15 އަށް އަރައިފަ އެވެ.
ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން އަލުން ފެނުނުކަން އެޗްޕީއޭ އިން ހާމަކުރީ މިދިޔަ މެއި މަހުގެ 13 ގަ އެވެ. އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ ދަށުން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދޭން ފެށި ކަމަށް ބުނެފައިވެ އެވެ.
ހިމަބިހީގެ އަލާމާތްތައް:
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ކެއްސުން
- ނޭފަތުން އަރިދަފުސް ފޭބުން
- ލޯ ރަތްވުން
އެޗްޕީއޭ އިން ވަނީ ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އެދިފަ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެދިފަ އެވެ.
އެ ބަލިން ރައްކާތެރިވާން ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ނުވަ މަހުގައި އަދި ދެވަނަ ޑޯޒު ކުއްޖާއަށް ދޮޅު އަހަރުގަ އެވެ.
އެޗްޕީއޭއިން މިހާރު އަންނަނީ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތްކުރަމުންނެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ބަންގްލަދޭޝް އާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް ވަނީ މީސްލްސް ފެތުރޭ މިންވަރު އިތުރުވެފަ އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އޭގެފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ.