ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު އައްޔަން ކުރައްވައިފި އެވެ.
ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހު ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ހާއްސަ މުޝީރުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވާ ކަމަށެވެ. އަދި އެ މަގާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާއްސަ މުޝީރުގެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވިއިރު، ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެ އެވެ.
އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.