ސ. ހިތަދޫގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރާ ގެއެއް ތިން މަސް ދުވަހަށް ބަންދުކުރަން އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ. 

ފުލުހުން ބުނީ ހިތަދޫ، ލާމިޔާގެއާގެއަކީ މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށް މީހުން ވަނުން މަނާކޮށް، ބަންދުކޮށްފައިވާ ގެއެއް ކަމަށެވެ. 

ފުލުހުން ބުނީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެ ގެ ބޭނުންކުރަމުންދާ ކަމަށެވެ. އެހެންވެ، އާންމުންނަށް އެކަމުގެ ސަބަބުން އުނދަގޫތައް ފޯރާ ކަމަށް ފުލުހުންނަށް އެކިފަހަރު ޝަކުވާ ހުށަހަޅާފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކޯޓު އަމުރަކަށް އެދުނު ކަމަށް ބުންޏެވެެ. 

ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ އުޅުމަކީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ހިތަދޫ ގެއެއް ބަންދުކުރަން އަމުރު ނެރުނުއިރު، ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ބަންދުކޮށްފަ އެވެ. އެއީ އެރަށު ފުނާޑު އަވަށުގެ ގުލިސްތާނުގޭގައި ހުރި ތަނެކެވެ. 

އެ އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ.