މިދިޔަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށް ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވެއްޖެ އެވެ.
ވިޒިޓް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، މިދިޔަ އަހަރު ވެސް ދާއިރާ އަށް ކުރިއެރުންތައް ހޯދައި ދިނުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެއާއެކު، ވިޒިޓް މޯލްޑިވސްގެ މާލީ ނަތީޖާ ވެސް ރަނގަޅުކޮށް، އާމްދަނީ އިތުރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވުމަކީ ވިޔަފާރީގެ ގޮތުން ލިބުނު ކުރިއެރުމެއް ކަމަށް ނަމަވެސް، އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދަމަހައްޓައި، ގައުމުގެ އިގްތިސާދަށް އޭގެ މަންފާ ހޯދައިދިނުން،" ގިޔާސް ވިދާޅުވި އެވެ.
ވިޒިޓް މޯލްޑިވްސް އަށް މިދިޔަ އަހަރު ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި
32.54 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެ އާމްދަނީ ހޯދާފައި ވަނީ މެންބަރޝިޕް ފީ، ބައިނަލްއަގުވާމީ ފެއާ އަދި ރޯޑްޝޯތަކުގެ އިތުރުން ޕަބްލިކޭޝަންތަކުން އާމްދަނީ އިތުރު ކޮށްގެންނެވެ. މިއީ އެ ކުންފުންޏަށް މިދިޔަ އަށް އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ. އެކަމަކު މިދިޔަ އަހަރު ވިޒިޓް މޯލްޑިވްސްގެ ފައިދާ ވަނީ 37 ޕަސެންޓަށް ދަށްވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނީ 17 މިލިއަން ރުފިޔާ އެވެ.
ވިޒިޓް މޯލްޑިވްސްގެ ހަރަދުތަކުގެ 90 ޕަސެންޓް ހަމަޖައްސަނީ ސަރުކާރުން ދޭ އެހީގެ ތެރެއިންނެވެ. މިދިޔަ ދެ އަހަރު ވެސް އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން 154 މިލިއަން ރުފިޔާ ދީފައިވެ އެވެ.