ޖިނާއީ ދައުވާ އުފުލައި، މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި އެކަން ކުރަނީ ތުހުމަތުވާ އެހެން މީހުންނަށް އެކި ޑީލްތައް ދައުލަތުން ހުށަހަޅައިގެން މައްސަލައެއް އުފައްދައިގެން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެ، އެތަނުގެ ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ޝަރީއަތް ހިންގަނީ ފްރޭމްކޮށްގެން، ވަކި ބަޔަކު ބޭނުންކޮށްގެން ކަމަށެވެ.
އޭނާގެ ގިނަ ތުހުމަތުތައް އަމާޒުކުރީ ހޯމް މިނިސްޓަރު އަލީ އިހުސާނަށެވެ. އިހުސާން ވަނީ މީގެކުރިން ވެސް އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަން ވެގެން، އޭނާއާ އެކު ބަޔަކު ހައްޔަރުކޮށް އެ މީހުންނަށް އެކި ލުއިތަކުގެ ނަމުގައި ދައުލަތުން ޑީލްތައް ހުށަހެޅި ކަމަށެވެ. އެ ލުއިތައް ދައުލަތުން އެ މީހުންނަށް ދިނީ އޭނާއާ ދެކޮޅަށް ބަޔާންދޭ ގޮތަށް ޝަރުތުކޮށްފައި ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"އެ އެންމެން ބޭނުން ކުރީ މީގަ އަޅުގަނޑު ބާނުވާލެވޭނެ ހުރިހާ މަސައްކަތެއް ކުރަން. އެހެންވީ،" ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން މިއަދު ކޯޓަށް ހާޒިރުވުމުގެ ކުރިން އާއިލާ ބޭފުޅުންނާ އެކު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ހެއްކެއް ނެތް ކަމަށާއި މިއީ ސީދާ ދައުލަތުގެ ވެރިން އަންގައިގެން އޭނާގެ މައްޗަށް ކޯޓުން އިއްވާ ހުކުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަންކަން މިހެން ހިނގާކަން އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވެސް ހިއްސާކޮށްފައިވާނެ އެވެ.
ނަމަވެސް، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފު (މުންދު) ވަނީ ރައީސްއާ ގުޅޭ ގޮތުން ޝަމްއާން ދެއްކެވީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.
ޝަމްއާން ވިދާޅުވީ ހޯމް މިނިސްޓަރު ހިންގަވާ ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ އަމަލުތައް ވެސް ހިމެނޭ ކަމަށެވެ. އެ ކަންކަން ރައީސްއާ ހިއްސާކުރުމާ އެކު، މި ޝަރީއަތާ އޭނާއަށް ކުރިމަތިލާން ޖެހުނީ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
ކޯޓަށް ވަންނަވަމުން ޝަމްއާން ވަނީ އޭނާ މިހާރު މި ސަރުކާރާ ދެކޮޅު ކަން ހާމަކުރައްވައި، ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.
ޝަމްއާންއެކު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އެމީހުން ދައުވާތަކަށް އިއުތިރާފުވުމުން ކޯޓުން އިއްވާފައިވަނީ ވަރަށް ލުއި އަދަބެކެވެ. އޭގެ ތެރެއިން ބައެއް އޮފިސަރުން ޝަމްއާންއާ ދެކޮޅަށް ހެކިބަސް ވެސް ދީފައިވެ އެވެ.
އެ މައްސަލާގައި ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ މައްޗަށް ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ 25 އަހަރަށް ޖަލަށްލުމަށެވެ.
އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމަކާއި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބެއްގެ ގޮތުން އަށް އަހަރުގެ ޖަލު ހުކުމަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަދަބެއްގެ ގޮތުން ދެ އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ނުވަ މަހާއި 10 ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންވެ، އެ ބައި އަދަބުން އުނިކުރަން ހުކުމުގައި އަންގާފައިވެ އެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.