އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. 

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ.

އެ މައްސަލާގައި ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ މައްޗަށް ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ 25 އަހަރަށް ޖަލަށްލުމަށެވެ. 

އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމަކާއި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބެއްގެ ގޮތުން އަށް އަހަރުގެ ޖަލު ހުކުމަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަދަބެއްގެ ގޮތުން ދެ އަހަރުގެ ޖަލު ހުކުމެކެވެ. 

އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ނުވަ މަހާއި 10 ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންވެ، އެ ބައި އަދަބުން އުނިކުރަން ހުކުމުގައި އަންގާފައިވެ އެވެ. 

ޖަލަށްލުމުގެ އިތުރުން ޝަމްއާން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި އަދި ބިދޭސީ މީހާގެ އަތުން ފޭރިގަތް ފަސްލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެމީހާއަށް އަނބުރާ ދެއްކުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. 

ޝަމްއާންގެ މައްޗަށް ހުކުމް އިއްވި ވަގުތު، އޭނާ ޝަރީއަތުގެ މަޖިލީހުގައި

ޝަމްއާންގެ މައްޗަށް ހުކުމް އިއްވި ވަގުތު، އޭނާ ޝަރީއަތުގެ މަޖިލީހުގައި

މީގެ އިތުރުން ޝަމްއާންގެ ގެއިން ފެނުނު ދެ ލައްކަ ރުފިޔާ އާއި 10،000 ޑޮލަރު (154،000ރ.) ތެރެއިން 125،000ރ. އަށްވާ ދިވެހި ފައިސާ ދައުލަތަށް ނެގުމަށް ހުކުމުގައިވެ ވެސް އަންގާފައިވެ އެވެ. 

އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ އަމަލުގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ އެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާތީ އެވެ. 

ހުކުމް އިއްވުމުގެ ކުރިން އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެއީ މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ނިންމާފައިވާތީ އެވެ.  

ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް ދައުލަތުން އެދުނީ އެ އަދަބު އަށް އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ނަމަވެސް ދައުލަތުން އެދުނީ އެ ދައުވާއަށް ދެ އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމަށެވެ. 

މަނީ ލޯންޑްރިންގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދަށް ޖަލަށްލުމާއި ޖޫރިމަނާކުރުމެވެ. އެހެންވެ، ދައުލަތުން އެދުނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. 

ޝަމްއާންގެ ފަރާތުން އެދުނީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ އަދަބަށް ނުވަތަ ގޭ ބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް ވެސް އޭނާގެ ފަރާތުން އެދުނެވެ. 

ޝަމްއާންގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގެ ތެރެއިން

ޝަމްއާންގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގެ ތެރެއިން

ޝަމްއާންގެ މައްޗަށް އިއްވި ހުކުމްގައިވާ ގޮތުން ދައުލަތުން ހުށަހެޅި ހެކިތަކުން، ބިދޭސީއެއްގެ އަތުން ފޭރިގަތް ކަމާއި އަދި އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާ ކަން އެނގެ އެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. 

އެ ބިދޭސީ މީހާ އަތުލައިގަނެ އަދި އޭނާ ދޫކޮށްލުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަމަށް އެ ހުކުމްގައިވެ އެވެ. އަދި ބިދޭސީ މީހާގެ އަތުން ފައިސާ ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ޝަމްއާން ބަލައިގަނެ، އޭނާގެ އަތުގައި ބަހައްޓާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. 

އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ޝަމްއާން ބޭނުންކޮށްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. 

ޝަމްއާން މިއަދު ކޯޓަށް ހާޒިރުވުމުގެ ކުރިން އާއިލާ ބޭފުޅުންނާ އެކު ކޯޓު ބޭރުގައި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ޝަމްއާން މިއަދު ކޯޓަށް ހާޒިރުވުމުގެ ކުރިން އާއިލާ ބޭފުޅުންނާ އެކު ކޯޓު ބޭރުގައި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ބިދޭސީ މީހާ ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް އޭގެ ތެރެއިން 150،000 އެއްހާ ރުފިޔާ އަދި އެހެން ލޯނު އެކައުންޓަކަށް 110،000 އަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. 

ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ފަސް ލައްކަ ރުފިޔާއާއެކު ހިފެހެއްޓި ބިދޭސީ މީހާ ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން، އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށް ދައުވާގައިވެ އެވެ.