ސިއްހީ ހާލުކޮޅު ހުރި ގޮތުން، މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިޔަސް، އޭނާ އަބަދުވެސް ހުންނާނީ ޕީއެންސީގެ ފިކުރު ކުރިއެރުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުކަމުން އިއްޔެ ޒަމީރު އިސްތިއުފާ ދެއްވީ، ސިއްހީ ހާލުކޮޅު މި ވަގުތު ހުރި ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ޒަމީރު ވިދާޅުވީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތުގައި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތައް، ސިއްހީ ހާލުކޮޅު ހުރި ގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެއްވޭ ކަމަށެވެ.
"އެހެންވީމާ މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަމީރު:
ޒަމީރު ވިދާޅުވި ގޮތުގައި، ޕީއެންސީގައި ވަރަށް ގާބިލު އަދި ޒުވާން ބޭފުޅުން އެބަތިއްބެވި އެވެ.
އެފަދަ ބޭފުޅުންނަށް ޖާގަ ދެއްވައި، މަގާމުން ދުރަށްވަޑައިގެންނެވިޔަސް، ޕާޓީ އާއި ރައީސް މުއިއްޒުގެ "އުފެއްދުންތެރި" ވިސްނުން ކުރިއެރުވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.
ޒަމީރު ވަނީ 500 މިލިއަންގެ ސުކޫކު އަނބުރާ ދައްކައި، ރާއްޖެ އޮތް ދަރަނީގެ ހާލަތުން ސަލާމަތް ކުރުމުގައި ރައީސް އެޅުއްވި ދުރުވިސްނޭ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ.
މިގޮތުން، އެ ބޮޑު ދަރަނި ނުދެއްކޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލު އުފައްދަމުން ދަނިކޮށް، އައިއެމްއެފްގެ ބެއިލްއައުޓަކަށް ނުދާން ނިންމަވައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވުމަކީ، ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ޒަމީރު ސިފަކުރެއްވި އެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު، 2024 ގަ އެވެ.
އޭގެފަހުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، މެންޑޭޓް ބޮޑުކުރި އެވެ. އަދި ކެބިނެޓަށް އޭރު ގެނައި ބަދަލާއެކު މިނިސްޓަރު ޒަމީރު ފެނިގެން ދިޔައީ އެންމެ ސީނިއާކޮށް މަސައްކަތް ކުރައްވަމުން ގެންދެވި މިނިސްޓަރުގެ ގޮތުގަ އެވެ.
މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ރައީސް މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ހަމަޖެއްސީ ޒަމީރެވެ. އަދި އޭގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކަށް ވެސް ހުންނެވީ ޒަމީރެވެ.