14 އެޕްރީލް 2017 - 16:24

އަމިއްލަ ކުންފުންޏަކުން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ބަގީއެއް އިއްޔެ ހަދިޔާ ކޮށްފިއެވެ.
އިއްޔެ ހެދުނު ވިލިމާލޭގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މި ބަގީ އާ ހަވާލުވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ. 99 އިކޯ ކެބްގެ ފަރާތުން ބަގީ ހަވާލުކޮށްދެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ވިޝާމެވެ. އޭނާ ވިދާޅުވީ ގޮތުގައި ބަގީއެއް ހަދިޔާ ކުރީ ފުލުހުންގެ ހިދުމަތަށް ހިތްވަރު ދިނުމަށެވެ.
ކައިރި މުސްތަގުބަލެއްގައި ވިލިމާލޭ ސިއްހީ މަރުކަޒަށް އެމްބިއުލާންސެއް ހަދިޔާ ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އެތަނުން ބުންޏެވެ.
99 އިކޯ ކެބަކީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށި ފުރަތަމަ އަދި މިހާރު ވެސް އެ ހިދުމަތް ދެމުން އަންން ފަރާތެކެވެ. ވިޝާމް ވިދާޅުވިގޮތުގައި މިހާރު ދެމުން އަންނަ ބަގީގެ ހިދުމަތް ރަނގަޅު ކުރުމަށް "ކޯލް ސެންޓަރު" ގެ އިތުރަށް ބަސް ރޫޓް ގޮތަށް ވެސް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.