އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި
އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި

ފިލްމީ ދާއިރާ އަށް އަލަށް ނިކުތް ފިލްމް ސްޓޫޑިއޯ އިމޭޖިނޭޝަން ރިއަލިޓީގެ ފުރަތަމަ ފިލްމް "ދަޅަ" ގެ ފުރަތަމަ ޓީޒާ ދައްކާލައި އެވެ.

އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި
އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި

އަލަށް ފިލްމެއް ޑައިރެކްޓް ކުރާ އަހުމަދު ޔާސިރު ލިޔެ، ޕްރޮޑިއުސް ވެސް ކުރާ މި ފިލްމަކީ ރޮމޭންޓިކް އެކްޝަން ތުރިލާއެކެވެ. މި ޓީޒާ އިން ވެސް މިއީ އެކްޝަން މަންޒަރުތައް ގިނަ ފިލްމަކަށް ވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި
އިމޭޖިނޭޝަން ރިއަލިޓީގެ "ދަޅަ" އިގެ ޓީޒާ ދައްކާލައިފި

ދާދި ފަހުން "އަންނާށޭ ހުންނާށޭ" ގެ ނަމުގައި ވީޑިއޯ ލަވައެއް ވެސް ގެނެސް ދިން އިމޭޖިނޭޝަންގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ޔާސިރު ބުނީ މީގެ ޝޫޓިން މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެފައިވާ ކަމަށެވެ.

"ޝޫޓިން ފެށުމަށް ހަމަ ތައްޔާރުވެފައި މިތިބީ. މިހާރު ވެސް މީގެ ބައެއް ކާސްޓުންގެ ޓްރޭނިން ވޯކްޝޮޕްތައް އެބަ ކުރިއަށްދޭ،" ފިލްމީ ދާއިރާ އަށް އަލަށް ތައާރަފު ކުރާ ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމާ ބެހޭ ގޮތުން ޔާސިރު ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ މުޅި ކާސްޓުންގެ އަދަދު 30 އަށް އަރާނެ ކަމަށެވެ. އޭގެ ތެރޭގައި ކުރިން ބައެއް ވީޑިއޯ ލަވަތަކާއި ފިލްމުތަކުން ފެނިފައިވާ ދެ އެކްޓަރަކު ހިމެނެ އެވެ.

އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "އެ ދަތުރު" ފަދަ ފިލްމްތައް ކުޅެފައިވާ އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) އާއި އަސްލަމް ރަޝީދުގެ "ނަމޫނާ" އިން ފެނިގެން ދިޔަ ޓީވީއެމްގެ ޕްރެޒެންޓަރު މުހައްމަދު ޝައްމޫނެވެ.

"އެ ދެ މީހުން ނޫނީ ހަމަ މުޅިން އާ މީހުން ފިލްމުން ފެނިގެން ދާނީ. އެކަމަކު ފިލްމުގެ ސްޕެޝަލް އެޕިއަރަންސްތަކުން މަޝްހޫރު ތަރިންތަކެއް ވެސް ފެނިގެން ހިނގައި ދާނެ،" ހުޅުމާލެ އާއި މާލޭގައި ޝޫޓް ކުރާ "ދަޅަ" އާ ބެހޭ ގޮތުން ޔާސިރު ބުންޏެވެ. "ދަޅަ" އަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.

ޔާސިރު ބުނީ "ދަޅަ" އިގެ ޝޫޓިން އަށް ނަގާނީ ދޮޅު މަހެއްހާ ދުވަސް ކަމަށެވެ.

"މިއީ ރޮމޭންޓިކް ތުރިލާއަކަށް ވިޔަސް، ފިލްމުގައި ވަރަށް ބޮޑަށް އެކްޝަން ހިމެނޭނެ. ދިވެހި ފިލްމަކުން މިހާތަނަށް ފެނިފައި ނުވާ ކަހަލަ ވަރުގަދަ، އެކްޝަން މަންޒަރުތަކެއް ދަޅައިން ފެންނާނެ،" އޭނާ ބުންޏެވެ. "އެހެންވެ މާޝަލް އާޓްސް އެސޯސިއޭޝަންގެ ސަޕޯޓް ލިބިގެން، ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ. މަންޒަރުތައް ނެގުމުގެ ކުރިން އެކްޝަން މަންޒަރުތަކަށް ފިލްމުގެ ކާސްޓުން ޓްރޭން ވެސް ކުރެވޭނެ. އެ މަސައްކަތް މިހާރު ވެސް ފަށައިގެން ކުރިއަށް އެބަދޭ."

އަށާރަ އަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ "ދަޅަ" އިގައި ދެ ލަވަ ހިމެނޭނެ އެވެ.

"މީގެ އެއް ލަވައަކީ ވަރަށް ބޮޑު ލަވައެއް. އެލަވައިގެ ސަތޭކެއްހާ މީހުންނާއި ކުޑަކުދިން ބޭނުން ކުރެވޭނެ،" ޔާސިރު ބުންޏެވެ. "ސެޓް ހަދައިގެން ލަވަތައް ނަގަން ވިސްނާފައި އޮތީ."

ޔާސިރު ބުނީ ކުޑަކުއްޖަކު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމުގެ ބަތަލާއަކީ ކާކުކަން ބާއްވަން ބޭނުން ވަނީ ސަޕްރައިޒެއްގެ ގޮތުގައި ކަމަށެވެ.

"ފިލްމް އެޅުވުމާ ހަމައަށް މީގެ ބަތަލާއަކީ ކާކުކަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުން ވަނީ،" 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމާ ބެހޭ ގޮތުން ބުންޏެވެ.

"ޓާގެޓަކީ ޖުލައި މަހުގެ ފަހުކޮޅު ފިލްމް ސިނަމާ އަށް ގެނައުން. ބެލުންތެރިން ގަޔާވާ ކަހަލަ ރީތި އަދި ފުރިހަމަ ފިލްމަކަށް ދަޅަ ހަދަން އަހަރެމެންގެ ޓީމުން މެކްސިމަމް ނެރޭނެ،" ޔާސިރު ބުންޏެވެ. "މިއީ އަހަރެމެންގެ ފުރަތަމަ ފިލްމަށްވާތީއާ އެކު ފިލްމީ ދާއިރާގެ ތަޖުރިބާ ހުރި ބައެއް މީހުންގެ ލަފަ އާއި އެހީ ވެސް ހޯދައިގެން މީގެ މަސައްކަތް ކުރާނީ. އަމްޖޭ [ޑައިރެކްޓަރު އަމްޖަދު އިބްރާހީމް] އަކީ އަބަދު ވަރަށް ކަންކަމުގައި ހެލްޕްވެދޭ މީހެއް. އަދި ކަނޑި [ކެމެރާމަން އިބްރާހީމް ވިސާން] އަކީ ވެސް ވަރަށް ގިނަ ފަހަރަށް އިމްޕުޓް ދޭ މީހެއް."

"ދަޅަ" އިގެ ކުރިން އިމޭޖިނޭޝަން ރިއަލިޓީން ވަނީ "ލޫތު" ގެ ނަމުގައި ބިރުވެރި ފިލްމެއް ވެސް ހަދަން އިއުލާންކޮށްފަ އެވެ.

އެހެން ނަމަވެސް އެއީ ވަރަށް ބޮޑަށް ވިޝުއަލް އިފެކްޓްސް ހިމެނޭ ފިލްމަކަށްވާތީ، އެ މަސައްކަތާ ހަވާލުވި މީހާ ބިޒީވެގެން "ލޫތު" ވަނީ މަޑުޖައްސާލައިފަ އެވެ.

އެކަމަކު އެ ފިލްމް ވެސް މި އަހަރު ސްކްރީނަށް ގެނައުމަކީ އިމޭޖިނޭޝަންގެ އަމާޒެކެވެ.