14 އެޕްރީލް 2017 - 21:39

ކިޑްނީގެ ބަލިތަކަށް ޚާއްސަކޮށްގެން އައިޖީއެމްއެޗުގައި ގާއިމްކޮށްފައިވާ "ރީނަލް ޓްރާންސްޕްލާންޓް" ކްްލިނިކާއި ކުޑަކުދިންނާއި ފުރާވަރު ކުދިންނަށް ހާއްސަކޮށް ހެދި ކްލިނިކްގެ ހިދުމަތް އައިޖީއެމްއެޗުގައި ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހޮސްޕިޓަލުގެ 22 ވަނަ އަހަރީ ދުވަހާއި ސައުކާރުގެ މައި ހޮސްޕިޓަލުގެ 69 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމާ ގުޅިގެން، އިތުރު އެހެން ދެ ހިދުމަތެއް ވެސް މިއަދު ތައާރަފުކޮށްފައިވާ ކަމަށެވެ.
"ރީނަލް ޓްރާންސްޕްލާންޓް ކްލިނިކް"އަކީ ކިޑްނީ ބަދަލު ކޮށްފައިވާ މީހުން ޑޮކްޓަރަށް ދެއްކުމަށާއި ކިޑްނީ ބަދަލު ކުރުމާ ގުޅޭ އެންމެހާ ކަންކަމުގައި ޑޮކްޓަރުގެ ލަފާ ދިނުމަށް ގާއިމްކޮށްފައިވާ ކްލިނިކެކެވެ. މި ކްލިނިކުން ފަރުވާ ހޯދުމަށް ރެޖިސްޓްރީ ކުރުން މިމަހު 15 ވަނަ ދުވަހު އޮންނައިރު ކްލިނިކް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ މި މަހު 24 ވަނަ ދުވަހު ކަމަށް ބަޔާނުގައި ވެ އެވެ.
"ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ކްލިނިކް" ހުޅުވަން ހަމަޖައްސާފައި ވަނީ މި މަހު 22 ވަނަ ދުވަހު އެވެ. ހަފްތާއަކު އެއްފަހަރު ހިދުމަތް ދޭ މި ކްލިނިކުގެ ހިދުމަތައް ވެސް މިހާރު ފަށާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
އެ ހޮސްޕިޓަލުން ފެށި އަނެއް ދެ ހިދުމަތަކީ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންގެ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތާއި ލެބޯޓަރީ ޓެސްޓްގެ ނަތީޖާ އީމެއިލުން ފޮނުވުމުގެ ހިދުމަތެވެ.