14 އެޕްރީލް 2017 - 23:49

އިސްލާމްއާބާދު (އެޕްރީލް 13) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އެ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ މަރާލައިފި އެވެ.

އުތުރުގެ މަރްދާން ސިޓީގެ އަބްދުލް ވަލީ ޚާން ޔުނިވާސިޓީގައި ހިންގި މި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ކިޔަވާ ކުދިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކެމްޕަސް ވަނީ ބަންދުކޮށްފަ އެވެ.
މަރާލާފައި ވަނީ ޖާނަލިޒަމް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އެ ދަރިވަރުގެ މިނިވަން ޚިޔާލާ މެދު އެހެން ދަރިވަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށްވެ އެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގައި ބޮޑު ކުށެކެވެ.
ބޮޑު ވަޒީރު ނަވާޒް ޝަރީފް މިދިޔަ މަހު ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މައާފް ނުކުރެވޭނެ ކުށެއް ކަމަށް ވިދާޅުވެފަ އެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށްގެން 1990 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި 65 މީހުން މަރާލާފައިވާ ކަމަށްވެ އެވެ.