ފަސޭހަ މޮޅަކާ އެކު ޓޮޓެންހަމް ތަފާތު ކުޑަކޮށްފި
ފަސޭހަ މޮޅަކާ އެކު ޓޮޓެންހަމް ތަފާތު ކުޑަކޮށްފި

ލަންޑަން (އޭޕްރިލް 15) – ބޯންމައުތު އަތުން 4-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފި އެވެ.

އިތުރަށް އެއް މެޗު ކުޅެގެން 71 ޕޮއިންޓާ އެކު ޓޮޓެންހަމް ދެ ވަނައިގައި އޮތްއިރު ޗެލްސީ އެއް ވަނައިގައި އޮތީ 75 ޕޮއިންޓާ އެކު އެވެ. މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެގެން ޗެލްސީއަށް ހަތް ޕޮއިންޓުގެ ލީޑު އަލުން ހޯދޭނެ އެވެ.

މިދިޔަ ހަފުތާގައި ޓޮޓެންހަމުން ހަތަރު ޕޮއިންޓަށް ތަފާތު ކުޑަކުރުމުން ޗެލްސީ ވަނީ ޖެހިގެން އައި މެޗުން ބޯންމައުތު 3-1 އިން ބަލިކޮށް އަލުން ލީޑު ނަގައިފަ އެވެ. އެކަމަކު މާދަމާރޭ ޔުނައިޓެޑާ ވާދަކުރަން ޖެހުމަކީ ޗެލްސީއަށް ކުރިމަތިވާނެ ޕްރެޝަރެކެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ ދެކުނު ކޮރެއާ ފޯވާޑް ހެއުންގް-މިން ސޮން އެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 24 ވަނަ ލަނޑެވެ. ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭ ވައްދާލީ ވިންސެންޓް ޖަންސެން އެވެ.

މިރޭގެ މޮޅާ އެކު ޓޮޓެންހަމް މިވަނީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ޑިވިޝަނުގެ އެއް ސީޒަނެއްގައި ޖެހިޖެހިގެން 12 މެޗުން މޮޅުވެފަ އެވެ. މިއީ އެ ކްލަބުގެ ރެކޯޑެވެ.

އަނެއްކޮޅުން ކޭން ވަނީ 1960ގެ އަހަރުތަކުގައި އެ ޓީމަށް ކުޅުނު ޖިމީ ގްރީވްސް އަށް ފަހު ޖެހިޖެހިގެން ތިން ސީޒަނުގައި މަދުވެގެން 20 ގޯލް ޖެހި ޓޮޓެންހަމްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.