ބަރުދަން ލުއިކުރުމަށާއި ހަށިގަނޑަށް ވަކި ބަދަލެއް އަންނަކަން ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބަރުދަން ލުއިކުރުމަށާއި އެކި ބަލީގެ ފަރުވާ އަށް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް އެ ތަކެތި ބޭނުންކުރަން ބައެއް ފަރާތްތަކުން ހިތްވަރުދެމުންދާ ކަމަށެވެ. 

ނަމަވެސް، ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާ ނުކޮށް ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭ ގޮތަށް އެ ތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ މީހުންނަށް މައުލޫމާތު އޮޅި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ބުންޏެވެ. 

ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިވާނެ ކަމަށް ބުނެ ޓިކްޓޮކްގައި އާއްމުންގެ މީހަކު ޕައުޑަރެއް ވިއްކަމުންދާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނީ ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މައުލޫމާތު، އެކި ޕްލެޓްފޯމްތަކުގައި ދައުރުކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

"މި ގޮތަށް ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީ ވެސް މި ގަވައިދުގެ ދަށުން މަނާކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދާ އެއްގޮތަށް އެކަން ކުރަން އަންގައި ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައު ހުރުމަށް މިންހެޔޮކޮށް ކެއުމާއި ލޮނާއި ހަކުރު މަދުކޮށް ގަވައިދުން ކަސްރަތުކުރަން އިލްތިމާސްކޮށްފަ އެވެ.