ސައޫދީ އަރަބިއްޔާއިން މި ހަފުތާގައި ދިން ހަމަލާތަކުގެ ބަދަލުހިފާނެކަމަށް އިންޒާރު ދިނުމަށް ފަހު، ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން، ސައޫދީގެ  ދެކުނުގައިވާ ޖީޒާން ސިޓީއަށް މިސައިލް ހަމަލާއެއް ދީފައިވާކަމަށް ބުނެފި އެވެ.

މި ހަމަލާ ދިނީ، މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ތެޔޮ އުފައްދާ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް (ދަތުރުފަތުރު ކުރުން ހުއްޓުވުމުގެ ފިޔަވަޅެއް) އިއުލާންކޮށް، ރަތްކަނޑުގައި އެ ގައުމުގެ އުޅަނދުފަހަރަށް ހޫތީން ހަމަލާ ވެސް ދީފައި ވަނިކޮށެވެ. އަދި އުޅަނދުތަކަށް ދިން ހަމަލާގެ ރައްދުގައި ހޫތީންގެ އަސްކަރީ އަމާޒުތަކަށް ހުކުރު ދުވަހު ވަނީ ސައޫދީގެ އެކުވެރި އެމެރިކާއިން ވެސް ހަމަލާ ދީފަ އެވެ.

ހޫތީން ވަނީ ސައޫދީ އަރަބިއްޔާއިން "ނުރައްކާތެރި ފިޔަވަޅުތަކެއް" އަޅަމުންދާކަމަށް ތުހުމަތުކޮށް، އެ ގައުމުގެ އަމަލުތަކަށް ރައްދުނުދީ ނުތިބޭނެ ކަމަށް ބުނެފަ އެވެ.

ހޫތީންގެ އަންސާރުالله މީޑިއާއިން ޓެލެގްރާމް މެދުވެރިކޮށް މިއަދު ހެނދުނު ބުނެފައިވަނީ "ޔަމަނުން ދިން މިސައިލް ހަމަލާގެ ސަބަބުން" ޖީޒާންގައި އަލިފާންރޯވެފައިވާ ކަމަށެވެ.

ރިޔާޒްގެ ސިވިލް ޑިފެންސް އޭޖެންސީން ޖީޒާން އަދި ޔަންބޫގެ އާންމުންނަށް "ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ" އިންޒާރެއް ނެރުނު ނަމަވެސް، ކުޑައިރުކޮޅެއް ފަހުން އެ އިންޒާރު ވަނީ ކެންސަލްކޮށްފަ އެވެ.

މި ކުރިމަތިލުންތަކަކީ، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ފަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ އާ ފެށުމެކެވެ.