"މޯގްލީ" ކުއްޖާއަކީ ދަރިފުޅު ކަމަށް މުސްލިމް ދެމަފިރިއަކު ބުނެފި
"މޯގްލީ" ކުއްޖާއަކީ ދަރިފުޅު ކަމަށް މުސްލިމް ދެމަފިރިއަކު ބުނެފި

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޖަންގައްޔެއްގައި، ރާމާމަކުނުތަކަކާ އެކު އުޅެ ބޮޑުވި ކަމަށް ކުރިން ބެލެވުނު ކުޑަ އަންހެންކުއްޖާއަކީ އެ މީހުންގެ ދަރިއެއް ކަމަށް މުސްލިމް ދެމަފިރިއަކު ބުނެފި އެވެ.

"މޯގްލީ" ކުއްޖާއަކީ ދަރިފުޅު ކަމަށް މުސްލިމް ދެމަފިރިއަކު ބުނެފި
"މޯގްލީ" ކުއްޖާއަކީ ދަރިފުޅު ކަމަށް މުސްލިމް ދެމަފިރިއަކު ބުނެފި

ޚިޔާލީ ވާހަކަ "ދަ ޖަންގްލް ބުކް"ގައި ހިޔަޅުތަކެއް ބަލާބޮޑުކުރި އިންޑިއާ ފިރިހެންކުއްޖެއްގެ ގޮތުގައި ގެނެސްދީފައިވާ މޯގްލީގެ ނަމުން ނިސްބަތްކުރަމުން އައި ކުއްޖާ އެންމެ ފުރަތަމަ ކައިބޮއެ އަދި ހިނގާ އުޅުނު ގޮތުން ސިއްހީ މާހިރުން ކުރިން ލަފާކުރީ އެ ކުއްޖާ ބަލާ ބޮޑުކުރީ ރާމާމަކުނުތަކެއް ކަމަށެވެ. ސަބަބަކީ އެ ކުއްޖާ ފެނުނީ ރާމާމަކުނުތަކަކާ އެކީގައި ހުއްޓާ ކަމަށް ވުމެވެ. އެކަމަކު ފަހުން ޑޮކްޓަރުން ނިންމީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި އެ ކުއްޖާ ޖަންގަލި ތެރޭގައި އުޅޭތާ މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނާތީ އާއިލާ އިން އެ ކުއްޖާ އެއްލާލީ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އެކަމަކު އަންހެންކުއްޖާއަކީ މީގެ އެއް އަހަރު ކުރިން ގެއްލިފައިވާ އެ މީހުންގެ ދަރިފުޅު ކަމަށް ފަގީރު ދެމަފިރިއަކު މިހާރު ދަނީ ބުނަމުންނެވެ. ނަޒްމާ ޝާހު، 35، އާއި އޭނާގެ ފިރިމީހާ ރަމްޒާން އަލީ ޝާހު، 45، ބުނިގޮތުގައި ދަރިފުޅު ގެއްލުނީ އެ މީހުން ދިރިއުޅޭ ހިސާބުގެ ބާޒާރާކަށް ގޮސް އުޅެނިކޮށެވެ. ގެއްލުނު ދުވަހު ފުލުހުންނަށް އެކަން ރިޕޯޓްކޮށް އަމިއްލަ އަށް ޕޯސްޓަރުތައް ހަދައިގެން އޭނާ ހޯދަން އެތައް މަސައްކަތެއް ކުރި ކަމަށާއި ނަމަވެސް އެ ދެމަފިރިން ފަގީރުކަމުން ކަމާބެހޭ ފަރާތްތަކުން އެކަމުގައި އެހީތެރިކަމެއް ފޯރުކޮށްނުދިން ކަމަށް އެ މީހުން ބުނެ އެވެ.

އެ ދެމަފިރިން ބުނިގޮތުގައި އެ ކުއްޖާގެ ނަމަކީ އަލީޒާ އެވެ. އަދި އޭނާގެ އުމުރަކީ 10 އަހަރެވެ. ކުރިން ލަފާކޮށްފައި ވަނީ އޭނާގެ އުމުރަކީ އަށް އަހަރު ކަމަށެވެ.

ރަމްޒާން އާއި ނަޒްމާ ވަނީ އެ ކުއްޖާ ހުންނަ ކުޑަކުދިންގެ ހިޔަލަށް ގޮސް އޭނާއާ ބައްދަލުކޮށްފަ އެވެ. އެކަމަކު އެ ކުއްޖާގެ ފަރާތުން އެއްވެސް ކަހަލަ އިޖާބައެއް އެ މީހުންނަކަށް ނުލިބެ އެވެ. ރަމްޒާން ބުނެފައި ވަނީ އޭނާއަކީ ކުރިންސުރެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށާއި އެހެންވީމާ އެކަމާ މެދު ހައިރާން ނުވާ ކަމަށެވެ.

ހަތް ކުދިންގެ ބައްޕަ ރަމްޒާން ބުނީ ދަރިފުޅު ދިރިހުއްޓާ ފެނުމުން ވީ އުފާ ބުނެދޭން ވެސް ނޭނގޭ ކަމަށާއި އޭނާ އަނބުރާ ލިބޭނެކަން އެނގުމަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.

"އަހަރެމެން ތިބީ ހުރިހާ އުއްމީދެއް ކަނޑާލައިގެން. އެންމެ ފަހުން އަހަރެމެން ގަބޫލުކުރީ ދަރިފުޅު މަރުވީއޭ ނުވަތަ މީހަކު ނުވަތަ ކުދިން ވަގަށް ނަގައިގެން ވިއްކާ މީހަކު އެ ކުއްޖާ ގެންދިޔައީއޭ،" ލޭބަރެއްގެ މަސައްކަތުން ދުވާލަކު އެންމެ 150 ރުޕީސް ލިބޭ ރަމްޒާން މީޑިއާ އަށް ކިޔައިދިނެވެ.

"އޭނަ ގެއްލިގެން އެތައް ހަފްތާއެއް ވަންދެން އަހަރެންގެ އަންހެނުން އުޅުނީ ނުކައި ނުނިދާ. އެކަމަކު އެންމެ ފަހުން އަހަރެމެން ނިންމީ ދިރިއުޅުމައިގެން ކުރިއަށްދާން."

ކުއްޖާ ބަލަމުން އަންނަ ތަނުން މިހާރު ނިންމާފައި ވަނީ ރަމްޒާން އާއި ނަޒްމާ އަކީ އޭނާގެ މައިންބަފައިންތޯ ބަލަން ޑީއެންއޭ ޓެސްޓް ހަދާށެވެ.