ސޭފަޓް ދައްކަން ޖެހުނު ދަރަނި ހައި ކޯޓުން ބާތިލު ކޮށްފި
ސޭފަޓް ދައްކަން ޖެހުނު ދަރަނި ހައި ކޯޓުން ބާތިލު ކޮށްފި

ޕާސްޕޯޓް ނެތި ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި އުޅެނިކޮށް ހައްޔަރުކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފަޓްގެ ފަރާތުން މީހަކަށް ފައިސާތަކެއް ދޭންޖެހޭ ކަމަށް ކޮށްފައިވާ ހުކުމެއް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ޕާސްޕޯޓް ނެތި ދިރިއުޅެނިކޮށް ސޭފަޓް ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެކަމަކު އޭނާގެ ވަކީލު ބުނެފައިވާ ގޮތުގައި ސޭފަޓްއާ އެކު ރާއްޖޭގައި އުޅުނު މީހުން އޭނާގެ ޕާސްޕޯޓް ވަގަށް ނެގީ އެވެ. ސޭފަޓް އުޅެނީ ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސްއެއް ހިންގަން ކަމަށާއި އެކަމުގައި ބައިވެރިވި ދިވެހިން ސޭފަޓް އަތުން ފައިސާ އަތުލުމަށް ފަހު އޭނާ "މަގުމަތިކޮށްލީ" ކަމަށް އޭނާގެ ވަކީލު ވަނީ ބުނެފަ އެވެ.

ހައި ކޯޓުން ބާތިލްކުރީ ސޭފަޓްގެ ފަރާތުން މީހަކަށް 2،100 ޑޮލަރު (32،000 ރުފިޔާ) ދައްކަން ޖެހޭ ކަމަށް ހުޅުމާލޭ ކޯޓުން ކޮށްފައިވާ ހުކުމެކެވެ. ހުޅުމާލޭ ކޯޓުގެ އެ ހުކުމަކީ މީހެއްގެ ކާރެއް ގަންނާނެ ކަމަށް ބުނެ ސޭފަޓް އެ ކާރު ގެންދިއުމަށް ފަހު އޭގެ އަގު ނުދައްކައި އޮވެ، އަދި އެ އަށް ގެއްލުންތަކެއް ލިބުމުން އެ ފައިސާ ހޯދަން އެ ކާރުގެ ވެރިފަރާތުން ދައުވާ ކުރުމުން ކުރި ހުކުމެކެވެ.

އެ ހުކުމް ސޭފަޓްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާގައި އެދޭ ފައިސާ ދޭން ސޭފަޓް އިންކާރު ކުރާ ކަމަށާއި އެ ހާލަތުގައި ދައުވާކުރާ ފަރާތުގެ ދައުވާ ސާބިތު ކުރެވޭ ވަރުގެ ހެކި ދައުވާކުރާ ފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަހަށް ބަލާއިރު ކާރުގެ ގެއްލުންތައް މަރާމާތު ކުރަން 2،100 ޑޮލަރު ހޭދަވިކަން އެނގެން ނެތް ކަމަށާއި އަދި އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ކާރުގެ ވެރި ފަރާތުން ހައި ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެ ކާރު ސޭފަޓް ގެންގުޅުނު މުއްދަތުގެ ކުލީގެ ގޮތުގައި 3،500 ޑޮލަރު (53،000ރ.) ނަގައިދޭން ވެސް ކާރުގެ ވެރިފަރާތުން ހުޅުމާލޭ ކޯޓުގައި އެދުނެވެ. އެކަމަކު އެ ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

ސޭފަޓް މީހަކަށް އަދާކުރަންޖެހޭ ދަރަންޏަކުން ސަލާމަތްވި އިރު ސޭފަޓާ އެކު ގެސްޓް ހައުސް ހިންގަން އުޅުނު އަނެއް ބައިވެރިޔާ އަށް ސޭފަޓް ދިން 42،000 ޑޮލަރު (600،000 އަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ސޭފަޓަށް ދައްކަން ސިވިލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމުގެ މައްސަލަ ވެސް މިހާރު އޮތީ ހައި ކޯޓުގަ އެވެ.

ސޭފަޓް ރާއްޖެ އިން ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ކުރިން ވަނީ ނިންމައިފަ އެވެ. އެކަމަކު ބައެއް ކަންކަން ހަމަނުޖެހޭތީ އޭނާ އަދިވެސް ޑީޕޯޓްކޮށެއް ނުލަ އެވެ.