ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް، ޑރ. އަހުމަދު ރިޔާޒް ހަމަޖައްސައިފި އެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ރިޔާޒު އައްޔަންކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. 

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، ކުރިން އެ ޒިންމާތައް އަދާކުރެއްވި އައިޝަތު ހަސަންގެ ދައުރު މިދިޔަ މަހު ހަމަވުމުންނެވެ.

އެޑިއުކޭޝަނަލް ސައިކޮލޮޖީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރިޔާޒު ހިސާބު ޓީޗަރުކަމާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ. 

އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގެ ތަފާސްހިސާބު އެއްކުރުމާއި އެނަލައިޒްކުރުމަކީ ޗީފް ސްޓެޓިސްޓީޝަންގެ ދައުރެވެ. 

ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ހަރުދަނާކޮށް، މުހިއްމު މައުލޫމާތުތައް އެއް ހަމައެއްގައި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުމަކީ އެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ފަސް އަހަރު ކުރިން އުފެއްދި ތަފާސް ހިސާބުގެ ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަނަކީ ރައީސް އައްޔަންކުރައްވާ މަގާމެކެވެ. އެ މަގާމަށް ކަނޑައަޅާފައިވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތަކެވެ.