އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)އާއި ދިވެހި ސަރުކާރާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ހެދި އެ އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލީޓީތައް ހަމަޖެއްސުމަށް ވަނީ އެއްބަސްވެފަ އެވެ.
މި އަހަރުން ފެށިގެން 2031 ވަނަ އަހަރާ ހަމައަށް އަމަލުކުރާ އެ އެއްބަސްވުމުގައި ސޮއިކުރީ އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީން ބުނީ އެ ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ވެސް އެ ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ހަސަން ޒަރީރު ވިދާޅުވި ގޮތުގައި އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން މިހާރު ވިޔަފާރި އާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އެހީތެރިކަން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ އެ ގުޅުމުގެ މުހިންމު ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ދައުލަތުގެ ވިޔަފާރި މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް އާމާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
އެ އެއްބަސްވުމަކީ 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރި އެއްބަސްވުމެކެވެ. އަދި ކުރީގެ ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައިޓީއެފްސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ އެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.
އަދީބު އަލް އާމާ ރާއްޖެއަށް ކުރެއްވި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަރީރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލު ކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފިނޭންސުން ބުންޏެވެ.