ދޮންދީދީ ދުށް ގޮތުގައި ހަސަނު އެ ކިޔާ ކޮމިކުތައް ކިޔާހާ ހިނދަކު އޭނާގެ
އިނގިރޭސި ފެންވަރު މައްޗެއް ނުވާނެ އެވެ. އެހެންވެ، އިނގިރޭސި މަޝްހޫރު އަދީބު
ޗާލްސް ޑިކެންސްގެ "ނިކޮލަސް ނިކްލްބީ" ދީ، އެ ކިޔަން އެދުނެވެ. ހަސަނު
ވީ އުފަލެއް ބުނަންވެސް ނޭނގުނެވެ. އޭނާ ބޭނުންވީ ވަގުތުން އެ ފޮތް ކިޔައި،
އިނގިރޭސި ބަހަށް މޮޅުވެ، ދޮންދީދީގެ ތައުރީފުގެ ބަހެއް ހޯދާށެވެ.

ހަސަނު ވަރަށް ޝައުގުވެރިކަމާއެކު ފޮތް ކިޔަން ފެށި ނަމަވެސް، ކިޔަމުން ދިޔަ
ވަރަކަށް އޭނާގެ ފޫހިކަން ދިޔައީ އިތުރުވަމުންނެވެ. ނުދަންނަ ބަސްތަކާއި
ބުނުންތައް ގިނަކަމުން ހަސަނަށް ވާހަކައިގައި ބުނާ އެއްޗެއް ކިރިޔާ މޭރުންވަނީ އެވެ.
ފުރަތަމަ ސަފުހާ ކިޔައި ނިންމާލެވުނީވެސް ގަދަކަމުންނެވެ.

މިކަމާ ދޮންދީދީގެ އަރިހަށް ދިއުމުން، މިފަހަރު އަލަމާރިން ނެގި ފޮތް
ފެނިފައި ހަސަނު ބިރުވެސް ގަތެވެ. "ކޮމްޕެކްޓް އޮކްސްފޯޑް އިންގްލިޝް
ޑިކްޝަނަރީ" ގެ ދެބައި ދިނުމަށްފަހު، ދޮންދީދީ ބުނީ މާނަ ނޭނގިގެން އުޅޭ
ހުރިހާ ބަހެއްގެ މާނައާއި ޝަރަހަ އެ ޑިކްޝަނަރީގައި ވާނެ ކަމަށެވެ. އަދި ވާހަކަ
ކިޔަމުންދާއިރު މާނަ ނޭނގޭ ކޮންމެ ބަހެއް ފޮތެއްގައި ނޯޓުކުރުމަށްފަހު،
ޑިކްޝަނަރީން މާނަ ހޯދައިގެން ފޮތުގައި ލިޔުމަށް އިރުޝާދު ދިނެވެ.

ހަސަނު އެތައް މަސައްކަތަކުން، ވާހަކައިން އޭނާއަށް މާނަ ނޭނގުނު ބަހެއް
ކަމަށްވާ "ސެކްއެސްޓަޑް" ޑިކްޝަނަރީން ހޯދި އެވެ. ނަމަވެސް، މި ބަހުގެ
ޝަރަހައިގައި ބޭނުންކޮށްފައިވާ ގިނަ ބަސްތަކަކީވެސް އޭނާ ނުދަންނަ ބަސްތަކެވެ.
އެހެންކަމުން އިހަށް "ސެކްއެސްޓަޑް" އެއްފަރާތްކޮށްލުމަށްފަހު، އާ
ބަހެއްގެ މާނަ ހޯދަން އަވަސްވެގަތެވެ. ނަމަވެސް، މިފަހަރުވެސް މުޅިންހެން ބޭނުންކޮށްފައިވަނީ
އޭނާ ނުދަންނަ ބަސްތަކެވެ.

"މާނަ
ހޯދުމުގެ މަސައްކަތުގައި އޭނާޔަށް ވަދެވުނީ ހޭޅިއެއް ހާއަޅާ ތަންކޮޅެއް ހާމަމަގެއް
ފެންނަންނެތް ބަހުގެ ބޯޖަންގައްޔަކަށެވެ. މަގު ހޯދަން މަސައްކަތްކުރިކުރިހެން
ހައްތާވެސް އޭނާވަނީ ވަލެވެ. އެންމެފަހުން ވަރުބަލިވެ، ފޫހިވެ، މޫނުމަތިން
އޮށްދާހިލުމުން މިބޭކާރު މަސައްކަތް ހުއްޓާލައި ދެބަސްފޮތާއި ވާހަކަފޮތް އޭނާގެ
ފޮށިބަހައްޓާފައިހުރި ތިރިއަށިގަނޑު މައްޗަށް ހޫރާލީ ދެން ދުވަހަކުވެސް އެއިން
ފޮތެއްގައި ބީހިނުލުމަށް ހުވައިކޮށްފަ އެވެ."

ޑރ. ހަސަން ހަމީދުގެ ޑިކްޝަނަރީން މީހަކު ލަފުޒެއް ހޯދަނީ: މިއީ އެއް ފޮތެއްގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ބޮޑު ފޮތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޑރ. ހަސަން ހަމީދުގެ ޑިކްޝަނަރީން މީހަކު ލަފުޒެއް ހޯދަނީ: މިއީ އެއް ފޮތެއްގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ބޮޑު ފޮތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދާދި މިދާކަށް ދުވަހު ޑރ. ހަސަން ހަމީދު އެކުލަވާލައްވައި ނެރުއްވި
"އިނގިރޭސި-ދިވެހި ޑިކްޝަނަރީ" އަތަށް އެރުމުން ހަނދާނަށް އައީ،
އިބްރާހީމް ހުސެއިން މަނިކު ލިޔުއްވާފައިވާ "ތަރުޖަމާނު" ވާހަކަ މަތިންނެވެ.
ހިތަށްއެރި އެވެ. އޭގައި އެ އުޅޭ ހަސަނުމެންގެ ޒަމާނުގައި މިފަދަ ފޮތެއް އޮތް ނަމަ
އޭނާއަށް ހާދަ ފަސޭހަވީސްތާ އެވެ. ގޮތް ބަލައިލަން، ހަސަނަށް ނޭނގިގެން އުޅުނު
ލަފުޒު "ސެކްއެސްޓަޑް" ޑރ. ހަސަންގެ ޑިކްޝަނަރީން ހޯދާލީމެވެ. އަސްތާ!
އެ ބަސް ޕްރޮނައުންސްކުރާނެ ގޮތާއި، އޭގެ މާނަ އެއޮތީ ސާފު ސީދާ ދިވެހި
ބަހުންނެވެ. އިނގިރޭސި ބަހުގެ 120،000 ލަފުޒު ޑރ. ހަސަންގެ މި ފޮތުގައި
ހިމަނުއްވާފައިވެ އެވެ.

މިފަހުން ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާ، ޑރ. ހަސަންގެ މި
ބުރަ، ބޮޑު، ކަވި މަސައްކަތުގެ ބޭނުމަކީވެސް އެއީ އެވެ. ދިވެހީންގެ ތެރެއިން
އިނގިރޭސި ބަހާ ގުޅޭ ދިވެހި ބަސް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން
އެކަން ކޮށްދިނުމެވެ. މި ފޮތް ޑރ. ހަސަން އަމާޒުކުރައްވާފައިވަނީ އިނގިރޭސި ބަހުގެ
މާނަ ދިވެހި ބަހުން ބަލަން ބޭނުންވާ އެންމެންނަށެވެ. ހާއްސަކޮށް އިނގިރޭސި ބަސް
ދަސްކުރަން ބޭނުންވާ މީހުންނަށާއި، އެކި އެކި ދިރާސާތައް ކުރާ މީހުންނަށާއި
މުއައްސަސާތަކަށެވެ.

މީގެ ކުރިން އިނގިރޭސި ލަފުޒުތަކާ ގުޅޭ ދިވެހި ލަފުޒުތައް ހިމެނޭ
ލަފުޒުނާމާތަކެއް ބައެއް މީހުން އެކުލަވާލާފައިވީ ނަމަވެސް، ރަސްމީކޮށް
އިނގިރޭސި-ދިވެހި ޑިކްޝަނަރީއެއް ނެރެފައެއް ނުވެ އެވެ. ޑރ. ހަސަން ދެކެވަޑައިގެންނެވި ގޮތުގައި އެފަދަ
ފޮތެއް އެކުލަވައިނުލެވި އޮތީ ކަމުގެ ކަވިކަމުންނާއި، އެކަމަށް ބޭނުންވާ
ހުނަރުތައް ގިނަކަމުންނެވެ. އެކަމަކު ފޮތެއްގެ ބޭނުންތެރިކަން ބޮޑުކަމުން
"އޭ" އަކުރުގެ ރަދީފު ތަރުޖަމާކުރައްވައި، މީގެ 16 އަހަރު ކުރިން
"ދަރުމަ" މަޖައްލާގައި ޝާއިއުކުރެއްވި އެވެ. އާދައިގެ މަތިން އެއީ
ތިންހާހެއްހާ ކޮޕީ ވިކޭ މަޖައްލާއެއް ކަމަށް ވިޔަސް، އެފަހަރު 5،000 ކޮޕީ
ވިކުނެވެ. މި ތަރުހީބުގެ ބޮޑުކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ
ހިތްވަރު އޭނާ ލިބިވަޑައިގަތެވެ.

އެކަމަކު ބެލެވޭ ގޮތުން މިފަދަ ޑރ. ހަސަނަށް އަބަދުވެސް މި ފަދަ މަސައްކަތަކަށް
އެންމެ ބޮޑަށް ހިތްވަރެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު އަމީން
ދީދީގެ މަސައްކަތްޕުޅުތަކުންނެވެ. މި ފޮތް ޑރ. ހަސަން ތަހުސީސްކުރެއްވީ، އޭނާގެ ބަހުން
ނަމަ "ދިވެހި ބަހަށާއި، އަދަބަށް، ދިވެހި ޅެންވެރިކަމާއި، ތާރީހަށް
އިސްފަސްވި މިސާލެއް ނެތް ދިރުމެއް ގެންނެވުމަށް ވޭތުވެދިޔަ ސަތޭކަ އަހަރު އެންމެ
ބޮޑު ހިދުމަތެއް ކުރެއްވި އަދީބު" ކަމަށްވާ އަމީނަށެވެ.

"އަޅުގަނޑު
އުފަންވިއިރު އޭނާ ފުރައުއްތަވެފައިވިޔަސް ޒަމާން ހުރަސްކޮށް، އޭނާގެ ފޮތްތަކާއި،
ލިޔުއްވުންތައް އަޅުގަނޑުމެންގެ ބުއްދި ދިވެހި ބަހަށް ހޭ އަރުވައި އަޅުގަނޑުމެންގެ
ހިތްތަކުގައި ގައުމީ ލޯބި އަށަގެނުންވި އެވެ،"

ޑރ. ހަސަން ހަމީދުގެ ޑިކްޝަނަރީ: މިއީ އަށެއްކަ އަހަރުގެ މަސައްކަތެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޑރ. ހަސަން ހަމީދުގެ ޑިކްޝަނަރީ: މިއީ އަށެއްކަ އަހަރުގެ މަސައްކަތެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ފޮތުގެ މަސައްކަތް ފެށްޓެވީ ޑރ. ހަސަން ފެށްޓެވީ މީގެ އަށެއްކަ އަހަރު
ކުރިންނެވެ. ގިނަ މުއްދަތެއް ހޭދަކުރެއްވީ ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން
ރޭގަނޑުން ބައެއް ފާއިތު ވަންދެންނެވެ. އެހެންވެ، ޕީއެޗްޑީ ހާސިލްކުރައްވާފައިވާ،
އަދި ޕީއެޗްޑީ ދަރިވަރުންގެ ސުޕަވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ
ޑރ. ހަސަންގެ ނަޒަރުގައި މި ފޮތަކީ ދެ ތިން ޕީއެޗްޑީއަށްވުރެ ބުރަ ބޮޑު
މަސައްކަތެކެވެ.

މިއީ ވަރަށް ފަސޭހައިން ދެނެގަނެވޭ ގޮތަށް ލިޔެފައިވާ ފޮތެކެވެ.
"އޭ" އަކުރުން ފަށައިގެން "ޒެޑް" އަކުރާ ހަމަޔަށް ކޮންމެ
އަކުރަކުން ފެށޭ ލަފުޒުތައް ހިމެނޭ މި ފޮތުގައި، ލަފުޒުގެ އަސްލު ލިޔެފައި
އޮންނަނީ ލެޓިނުންނެވެ. ދެން ހުރި ބައިތައް ތާނައިންނެވެ. އެހެން އޮތުމުން އެ ލަފުޒު
ޕްރޮނައުންސްކުރާނެ ގޮތް ނުލާހިކު ފަސޭހައިން އެނގެ އެވެ. އެއް މާނައަށްވުރެ ގިނަ
މާނަ އެކުލެވޭ ލަފުޒެއް ނަމަ އެ ހުރިހާ މާނައެއް ހިމަނަ އެވެ. ތަނަކަށް ކިޔާ
ނަމެއް ނަމަ، އެ ތަނަކަށް ދިވެހިން ކިޔާ ނަންވެސް ހިމަނާފައިވެ އެވެ. މިސާލަކަށް
"ޑެމެސްކަސް" ނަގަމާ ހިނގާށެވެ. އެއީ ސީރިއާގެ ވެރިކަންކުރާ ރަށެވެ.
އެއާއެކު އެތަނަށް ދިވެހި/ އަރަބިން ކިޔާ ގޮތް ކަމަށްވާ "ދިމިޝްގު"
ހިމަނާފައިވެ އެވެ.

އިނގިރޭސި އަކުރުގެ ވޯޑް ކްލާސްތައްވެސް ވަނީ ރަމްޒުތައް ބޭނުންކޮށްގެން
އެނގޭނެހެން ފާހަގަކޮށްފަ އެވެ. އެގޮތުން ނައުން ނުވަތަ އެއްޗަކަށް، މީހަކަށް، ތަނަކަށް
ނުވަތަ ހިޔާލަކަށް ކިޔާ ނަމެއް ނަމަ ފަހަތުގައި (ނ.) އޮވެ އެވެ. އެޑްޖެކްޓިވެއް
ނުވަތަ ނަމެއް ސިފަކޮށްދޭ ލަފުޒެއް ނަމަ (ނ.އ.) އޮވެ އެވެ. ވާބެއް ނުވަތަ ކަމެއް،
ހާލަތެއް، އަމަލެއް ސިފަކުރާ ލަފުޒެއް ނަމަ (ކ.) ޖައްސަވާފައިވެ އެވެ. އަދި
ކޮންޖަންކްޝަން ނުވަތަ ޖުމްލައެއްގެ އެކި ބައިތައް ގުޅުވައިދޭ، ހާއްސަކޮށް
ޖުމްލައިގައިވާ ދެ ލަފުޒު ނުވަތަ ދެ ކަލިމައެއް ގުޅުވައިދޭ ލަފުޒު ނަމަ (ކ.ޖ) ލިޔުއްވާފައިވެ
އެވެ. އިންޓަޖެކްޝަނެއް ނުވަތަ ގަދަ ޝުއޫރެއް ނުވަތަ އަމުރެއް ބަޔާންކުރާ ލަފުޒެއް
ނަމަ އޮންނަނީ (އ.ޖ) އެވެ.

އޭގެ އެއް މިސާލަކީ "ޑެލްމޭޝަން" މި ލަފުޒެވެ. އެއީ
އެޑްޖެކްޓިވްއެއްގެ ގޮތުގައި ޔޫގޯސްލާވިއާގެ މެދު ސަރަހައްދަށް ނިސްބަތްވުމެވެ. ނައުންއެއްގެ
ގޮތުގައި އޭގެ މާނައަކީ "ކަޅު ލައްޖެހި، ހުދު ބޮޑު ކުއްތާއެއް" އެވެ.

މީގެ އިތުރުން ނުރަސްމީ ނުވަތަ ރައްޓެހިންނާއި އާއިލާގެ ތެރޭގައި ބޭނުންކުރާ
ބަހެއް ނަމަ (ނ.ބ.) އަދި އުރުދޫ، ފާރިސީ، ދިވެހި ބޯދާ ނުވަތަ ވަކި އަތޮޅަކަށް
ނިސްބަތްވާ ބަހެއް ނަމަ އެކަން ވެސް ފާހަގަކުރައްވާފައިވެ އެވެ. މިސާލަކަށް
"މެޖެސްޓިކް" ގެ ދިވެހި މާނައިގެ ތެރޭގައި "ގަދަރު ބޮޑު، އާޝޯހުކުރުވާ،
މަތިވެރި" ހިމެނޭއިރު، އެއަށް އުރުދޫއިން ކިޔާ ލަފުޒު ކަމަށްވާ
"ޝާންދާރު" ވެސް ހިމަނުއްވާފައިވެ އެވެ. މީގެ އިތުރުން ބައެއް ލަފްޒުތަކަށް އާ ބަސްތައް
ވެސް ހަސަން ހުށަހަޅުއްވާފައިވެ އެވެ.

ރައީސް މައުމޫން (ކ) ޑރ. ހަސަން ހަމީދުގެ ފޮތް ނެރެދެއްވަނީ: މި ފޮތް މިހާރު ގަންނަން ލިބޭނެ. -- ފޮޓޯ: މައުމޫން ފައުންޑޭޝަން

ރައީސް މައުމޫން (ކ) ޑރ. ހަސަން ހަމީދުގެ ފޮތް ނެރެދެއްވަނީ: މި ފޮތް މިހާރު ގަންނަން ލިބޭނެ. -- ފޮޓޯ: މައުމޫން ފައުންޑޭޝަން

މި ފޮތަކީ ތަރުޖަމާއަކަށްވުރެ ބޮޑަށް، އެތައް ދިރާސާތަކެއްގެ މައްޗަށް
އެކުލެވޭ ފޮތެއް ކަމުން، އެންމެ ފަސޭހައިން މާނަ މޭރުންވާ ގޮތަށް ލިޔުއްވުމަށް
ދެތިން ހަތަރު ބަސްފޮތެއް އޭނާ ބޭނުންކުރެއްވި އެވެ. އޭގެ ތެރޭގައި އޮކްސްފޯޑް
ޑިކްޝަނަރީ، ކޭމްބްރިޖް ޑިކްޝަނަރީ، ކޮލިންސް ޑިކްޝަނަރީ، މެކްމިލަން ޑިކްޝަނަރީ
އަދި ވެބްސްޓާ ޑިކްޝަނަރީ ހިމެނެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި އިނގިރޭސި އަޑުތައް ތާނައަކުރުގެ އަޑުތަކާ ތަފާތު
ކަމުންނާއި އިނގިރޭސި ބަހުގެ ހުރިހާ ފިލިތައް ތާނައިގައި ނުހިމެނޭތީ ސީދާ
ކިޔާގޮތަށް ތާނަ އަކުރުން އިނގިރޭސި ބައެއް ލަފުޒުތައް ނުލިޔެވެ އެވެ. މިސާލެއްގެ
ގޮތުން އޭނާ ވިދާޅުވި ގޮތުގހައި އިނގިރޭސި ރ. ގެ އަޑަކީ ތާނައިގެ ރ. ގެ އަޑެއް ނޫނެވެ. Cat ފަދަ ލަފުތުތަކުގައި ޖެހޭ އެބެފިއްޔަކީ ތާނައިގައި ހިމެނޭ
ފިއްޔެއް ނޫނެވެ. Family ފަދަ ލަފުޒުތަކުގައި ހިމެނޭ އެންމެ ފަހު ފިއްޔަކީ އީބީ ފިއްޔަށް ވުރެ ކުރު
އިބިފިއްޔަށް ވުރެ ދިގު ފިއްޔެކެވެ. 

"ތާނައިގައި އިނގިރޭސި އަކުރު ލިޔާއިރު މިފަދަ މައްސަތަލައް ކުރިމަތިވެ
އެވެ. ލަފުޒެއް ކިޔާ ގޮތް އަޅުގަނޑު ލިޔެފައިވަނީ ލަންޑަނުގެ މެދުފަންތީގެ
ތައުލީމީ މީހުން ކިޔާ ގޮތާ ވީހާ ވެސް ގާތްކޮށް ތާނައިން ލިޔެވޭ ގޮތަށެވެ."

ހަސަން ވަނީ މިދިޔަ ދުވަސްތަކުގައި ބައެއް އެހެން އަކުރުތަކުގެ ލަފުޒުތަކުގެ
މާނަ އޮންލައިންކޮށް ނެރުއްވައިފައެވެ. އޭނާގެ ވިސްނުން ހުރީ ފުރަތަމަ ދެތިން އިސްދާރު
ފޮތުގެ ގޮތުގައި ނެރުމަށްފަހު، ފަހުން އިނގިރޭސި-ދިވެހި ބަސްފޮތަށް ވަކި ސައިޓެއް
ހަދައި، އޮންލައިންކޮށްވެސް ބެލޭނެ ގޮތް މަގުފަހިކުރެއްވުމަށެވެ.

މި ބިޔަ ފޮތުގެ ކޮންމެ ސަފުހާއެއްގައި 36 ފޮޅުވަތް ހުރެއެވެ. ފޮތް
ލިޔެފައިވަނީ 9.5 ޕޮއިންޓް ސައިޒުގެ ފޮންޓުންނެވެ. މިހާ ކުދިކޮށް ލިޔާއިރުވެސް
ކިޔަން ފަސޭހަކުރުމުގެ ގޮތުން ފޮތް ލިޔެފައިވަނީ އޭނާ އަމިއްލައަށް ފަރުމާކުރެއްވި
ހާއްސަ ފޮންޓަކުންނެވެ. އެހެންކަމުން މިއީވެސް ހާއްސަ ކަމެކެވެ.

ސުވާލެއް ނެތް ގޮތެއްގައި މިއީ ދިވެހި ބަހުން މިހާތަނަށް ނެރުނު އެންމެ ބޮޑު
ފޮތެވެ. ވަކިވަކި ބައިބަޔަށް ނެރެފައިވާ ކީރިތި ގުރުއާންގެ 13 ފޮތުގެ މައްޗަށް
ހިމެނޭ ތަފްސީރަށްވުރެ ވެސް މި ފޮތުގެ ލިޔުންގަނޑު ގިނަ އެވެ. މިއީ އާންމުކޮށް
ނެރޭ ފޮތްތަކަށްވުރެ ބޮޑު ފޮތަކަށް ވުމުން، މިއީ ޗާޕުކުރި ޗައިނާގެ ކުންފުނިން
ބުނި ގޮތުގައި، ފޮތުގެ ބޯކަމުން މެޝިނުން ނުފެހިގެން ފޮތުގެ އެކި ބައިތައް އެއްކޮށް
ފެހީ އަތުންނެވެ. އަދި ފޮތުގެ ގަނޑުތައް ގިނަކަމުން، ތަތްކޮށްގެން
ނުހިފަހައްޓާނެތީ ފޮތް ހަދާފައިވަނީ ބޯބަނޑޭރިގަނޑު ލީ ފޮތެއްގެ ގޮތުގައެވެ.

ޔުނިވާސިޓީން އިސްތިއުފާ ދެއްވުމަށްފަހު، މިވަގުތު ލިޔުއްވުމަށް ހުސްވެ
ހުންނެވި ޑރ. ހަސަން ވަނީ ދިވެހި ބަހަށް ވަރަށް ގިނަ ހިދުމަތްތަކެއް
ކުރައްވައިފައެވެ. އޭގެ ތެރޭގައި ފާރިސްކަރައިގެ ޅެންވެރިޔާ ޝައިޚް މުސްލިހުއްދީން
ސައުދީ ޝީރާޒީ ލިޔުއްވި "ގުލިސްތާން" ދިވެހި ބަހަށް ތަރުޖަމާ
ކުރެއްވުމަކީ އެފަދަ އަގުހުރި މަސައްކަތެކެވެ.

"އެކަމަކު މި ފޮތަކީ އެ ހުރިހާ ފޮތެއްގެ މަންމަ ފޮތެވެ.
އެހެނީ އެފަދަ ފޮތްތަކުގެ ބޭނުން ޖެހޭނީ ރަނގަޅަށް ބަސް ދަސްވެގެން ކަމުން، މި
ފޮތަކީ ބަސް ދަސްކުރަން އޮތް ފުރުސަތަކަށް ވުމެވެ."

އެހެންކަމުން، "ތަރުޖަމާނު" ވާހަކައިގައި އުޅޭ ހަސަނު ފަދަ އެތައް
ބަޔަކަށް ޑރ. ހަސަނުގެ މި މަސައްކަތުން ފައިދާކުރާނެ އެވެ. މިއީ ގަހަކުން ކަނޑާލި ލަކުޑިގަނޑެއް ނޫނެވެ.
ލިޔުންތެރިންނަށް، ދިރާސާވެރިންނަށް، ދަރިވަރުންނަށް އަދި އާންމުންނަށް އޭނާ މި
ދޫކޮށްލެއްވީ ކޮށައި، މަށައި، ކިއްސަރަށް ދަމައިލާފައި އޮތް މަޑުލެކެވެ.