މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އަންނަ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި އަންވަރު އިބްރާހީމް ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގަ އެވެ. އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ ބްރެޒިލާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ ކަމަށްވާ "ބްރިކްސް"ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހުގަ އެވެ.
އަންވަރުގެ އެ ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރަކު ނުވަ އަހަރުފަހުން ރާއްޖެ ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. އެގޮތުން އެންމެފަހުން 2017 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގެވެ.
ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި މަތީ ތައުލީމު ފަދަ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރި އެވެ. އެގޮތުން އެފަހަރު ސޮއިކުރީ ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ޑިޕްލޮމެޓުން ތަމްރީނު ކުރުމުގެ އެއްބަސްވުމަކާއި ބައިލެޓްރަލް ކޮންސަލްޓޭޝަން އާ ގުޅޭ އެއްބަސްވުމެއްގަ އެވެ.
އެ ދަތުރުފުޅުގައި އަންވަރު އިބްރާހީމާއެކު ރައީސް ދެއްވި ޖޮއިންޓް ޕްރެސް ސްޓޭަޓްމެންޓްގައި ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދު ސޮއިކުރި އެމްއޯޔޫތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅާ ބިންގަލެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއާ އެކު ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.