ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކުގެ ސަބަބުން ފުލުހުންގެ އިދާރާއާ ގުޅިގެން ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލުވާލުމަށް ސާބިތުނުހިފޭ ވާހަކަ ނުފެތުރުމަށް ފުލުހުންގެ އިދާރާ އިން އެދިއްޖެ އެވެ.
ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ވަނީ ފެށި އެވެ.
އެ މައްސަލާގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދާފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި ރައީސް ޔާމީންގެ ވާހަކަގައި ވަނީ އަލިފާން ރޯކޮށްލީ ގަސްދުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެ ކަމަށާއި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފައިވެ އެވެ.
އެހެންވެ، އެ މައުލޫމާތަކީ ތަހުގީގަށް މުހިއްމު މައުލޫމާތަކަށްވާތީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށް، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގަވާ ޗިޓެއް ހަވާލުކުރުމަށް ފުލުހުން މަސައްކަތް ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:40 ހާއިރު ފުލުހުން ވަނީ ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ޗިޓާ ހަވާލުވެވަޑައިނުގެން އެމަނިކުފާނު ދެއްކެވި ވާހަކައަށް ރިއާޔަތްކުރައްވައި ލިޔުމުން ޔާމީން ޖަވާބުދެއްވި ކަމަށާއި އެ ލިޔުމުގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންވެ، ފުލުހުން ވަނީ ސާބިތުނުހިފޭ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުހުން ދެއްވުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މަސައްކަތްކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ."
ނަމަވެސް ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލް ހަމްޒާ، ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައި ވަނީ އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެއްވެސް އިތުރު މައުލޫމާތެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ އެވެ. އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެެއް ކަމަށާއި އެހެންވެ އެކަން ހިނގަން މެދުވެރިވި ސަބަބު ވެސް އެނގޭނީ ފުލުހުންނަށް ކަމަށް ޔާމީނާ ހަވާލާދެއްވައި ވަކީލުގެ ސިޓީގައިވެ އެވެ.
ޔާމީންގެ ފަރާތުން އެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަކީ ބޭނުންތެރި ކަމެއްކަމަށް ފުލުހުން ވެސް ގަބޫލު ނުކުރާނެ ކަމަށް ސިޓީގައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރާ ތުހުމަތުތަކަށް ސޯޝަލް މީޑިއާގައި ޖަވާބު ދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް އެނގިފައިވާ ކަމަށެވެ.