ތިމާވެއްޓާ ރައްޓެހި، ކަރަންޓު އައުޓްބޯޑް އިންޖީނު އުފައްދާ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޗައިނާގެ އެކްސްޕްލޯމާ ކުންފުނީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކަށް އިއޮންގްރިޑް ހަމަޖައްސައިފި އެވެ. 

އެކްސްޕްލޯމާ އިން މިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ވިއްކާ ތިމާވެއްޓާ ރައްޓެހި، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އެ އިންޖީނުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބުރަފަތި، ކަރަންޓުން އޮޕަރޭޓުކުރުމުން ރާއްޖޭގެ ކަނޑުގެ ތިމާވެއްޓަށް މާނަވީ ފައިދާތަކެއް ކުރާނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ. 

ކަރަންޓު އައުޓްބޯޑް އިންޖީނު ބޭނުން ކުރުމުން ތެލުގެ އިންޖީނުތަކުން ވިހަ ދުންގަނޑު ބޭރުކުރުން މަދުވުމުންނާއި އިންޖީނުގައި އަޑެއް ނެތުމުން ވަޔާއި ލޮނުގަނޑު ސާފުކޮށް ބަހައްޓައިދިނުމުގެ އިތުރުން ފަސިންޖަރުންނަށް ގުދުރަތީ ހަމަހިމޭން ކަމާ އެކު އަރާމު ދަތުރެއްގެ ތަޖުރިބާ ހޯދައިދެވޭނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ. 

އެކްސްޕްލޯމާގެ ޓީމު.

އެކްސްޕްލޯމާގެ ޓީމު.

އެކްސްޕްލޯމާ އިން ބުނީ އިއޮންގްރިޑާ އެކު އެ ކުންފުނީގެ މާކެޓު ރާއްޖެއަށް ފުޅާކުރުމަކީ ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީ އުޅަނދުފަހަރުތައް ގެންގުޅޭ ފަރާތްތަކުން ފަތުރުވެރިންނަށް ހިތްގައިމު އާ ތަޖުރިބާތަކެއް ހޯދައިދޭން މަގުފަހިވާނެ ކަމެއް ކަމަށެވެ. އެގޮތުން ބާރު ސްޕީޑުގައި، އިންޖީނުގެ އަޑު ނެތި ފަތުވެރިން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ދަތުރުފަތުރުކުރުމުގައި ތިމާވެއްޓާ ރައްޓެހި ސޮލިއުޝަނެއް ހިޔާރުކުރުމަކީ ފަތުރުވެރިންގެ މަގުބޫލުކަން ލިބުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. 

އެކްސްޕްލޯމާގެ ބޯޑް މެމްބަރު އަދި ސޭލްސް ޑިރެކްޓަރު ޖޮނަތަން ވޭންގް ވިދާޅުވީ އެ ކުންފުނިން ބޭނުން ވަނީ ފެންވަރު ރަނގަޅު ކަރަންޓް އައުޓްބޯޑް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރާއްޖޭގެ އޮޕަރޭޓަރުންނަށް ތިމާވެއްޓާއި ރައްޓެހި، އާއްމުކޮށް ހުންނަ އިންޖީނުގެ ބާރު އަޑާއި ނުލައި އުޅަނދުފަހަރު ދުއްވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ. އަދި އަމާޒަކީ އިއޮންގްރިޑާ އެކު ކަރަންޓުން އުޅަނދުފަހަރު ދުއްވުން ރާއްޖޭގެ މާކެޓުގައި މިހާރަށް ވުރެ ފުޅާކުރުން ކަމަށް ވިދާޅުވި އެވެ. 

އެކްޕްލޯމާއާ އެކު ގާއިމްކުރި ޕާޓްނާޝިޕާ ގުޅޭގޮތުން އިއޮންގްރިޑުން ބުނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ބަދަލުކޮށްލަން ކަރަންޓް އައުޓްބޯޑް އިންޖީނު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކްސްޕްލޯމާއާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ އެހީގައި އިތުބާރުކުރެވޭ، އީޖާދީ ކަރަންޓް އައުޓްބޯޑް ޓެކްނޮލަޖީއާ އެކު ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަކީ މިހާރަށް ވުރެ ދެމެހެއްޓެނިކޮށް އެ މަސައްކަތް ކުރާ ސިނާއަތަކަށް ހެދުމަށް އެހީވެދޭނެ ކަމަށެވެ. 

އެކްސްޕްލޯމާއި އިއޮންގްރިޑާ އެކު ގާއިމްކުރި ޕާޓްނާޝިޕާ އެކު އެ ކުންފުނީގެ އިންޖީނުތައް ޝޯކޭސްކުރުމަށް ޝޯރޫމުތަކެއް ގާއިމުކުރުމަށާއި ކަނޑުގައި ކުރާ ޓެސްޓުތައް ދައްކައިދޭ ހާއްސަ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެ ހަރަކާތަކީ ކަރަންޓުން އުޅަނދުފަހަރު ދުއްވުމަށް އޮތް ފުރުސަތު ދައްކައިދީ، އެ އިންޖީނު ތަޖުރިބާކުރުމުގެ ފުރުސަތު އޮޕަރޭޓަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. 

"ކަނޑު ދަތުރުފަތުރުގެ ކުރިމަގަކީ ކަރަންޓު. އިއޮންގްރިޑާ އެކު މި ކުންފުނިން ގެނެސްދެނީ، ކަރަންޓުން ކަނޑުދަތުރުފަތުރު ކުރެވޭނެ އީޖާދީ ހައްލެއް،" އެކްސްޕްލޯމާ އިން ބުންޏެވެ. 

އެކްސްޕްލޯމާ އަކީ 2021 ވަނަ އަހަރު ގާއިމްކުރި ކުންފުންޏެކެވެ.

މިއީ، ދަތުރުފަތުރުކުރުމުގެ ދާއިރާގައި ތެލާއި ގޭހާ ނުލައި، އީޖާދީ އާ ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސިނާއާތުގެ ތަޖުރިބާކާރުން އުފެއްދި ކުންފުންޏެކެވެ. މިއީ ކާބަން ބޭނުން ކުރުން ހުއްޓާލައި ކަނޑުދަތުރުފަތުރުގެ ދާއިރާ އޭއައިއަށް ބިނާކޮށް ބައްޓަން ކުރަން މަސައްކަތް ކުރާ ކުންފުންޏެކެވެ. 

އެކްސްޕްލޯމާގެ އެޑްވާންސް ކަރަންޓު އައުޓްބޯޑު އިންޖީނުތަކުގައި 70 ހޯސްޕަވަރާއި 150 ހޯސްޕަވަރު އަދި 300 ހޯސްޕަވަރުގެ މޮޑެލްތައް ހިމެނެ އެވެ. މި އިންޖީނުތަކަކީ ތިމާވެއްޓާއި ރައްޓެހި، ސްމާޓް ފަންކްޝަންތަކެއް ހިމެނޭ މެއިންޓެނަންސް ކުޑަ އިންޖީނުތަކެކެވެ.