އެމެރިކާގެ ސިޓީއެއް އަލިފާން ބޯޅައަކަށް ހަދާލާ ވީޑިއޯއެއް ނޯތު ކޮރެއާ އިން ދައްކައިފި
އެމެރިކާގެ ސިޓީއެއް އަލިފާން ބޯޅައަކަށް ހަދާލާ ވީޑިއޯއެއް ނޯތު ކޮރެއާ އިން ދައްކައިފި

ޕިއޮންޔޮން (އެޕްރީލް 20) - އެމެރިކާގެ ސިޓީއަކަށް ހަމަލާދީ އެ ސިޓީ އަލިފާން ބޯޅައަކަށް ހަދާލާ މަންޒަރު ދަައްކުވައިދޭ ވީޑިއޯއެއް ނޯތު ކޮރެއާ އިން އާއްމުކޮށްފި އެވެ.

ނޯތު ކޮރެއާގެ ބާނީ ކިމް އިލް ސަންގެ 105 ވަނަ އުފަން ދުވަހާ ދިމާކޮށް މިއުޒިކީ ހަރަކާތްތަކާ އެކު ބޭއްވި ޕެރޭޑުގައި ދެއްކި ވީޑިއޯގައި ނޯތު ކޮރެއާ އިން ފޮނުވާލާ މިސައިލްތައް ގޮވުމަށް ފަހު، އަލިފާން ބޯޅައަކަށް ބަދަލުވާތަން ފެނެ އެވެ. ވީޑިއޯ ނިމެނީ އެމެރިކާގެ ދިދަ އަންދާލާ މަންޒަރުންނެވެ.

މަންޒަރުތައް ނިމުމާ އެކު އަސްކަރީ ޕެރޭޑުގައި ތިބި މީހުންގެ ހޫނު ތަރުހީބެއް ލިބިގެން ދިޔަ އެވެ. މަންޒަރުތައް ނިމުމާ އެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ހިނިތުންވުމާ އެކު އަތުން އިޝާރާތް ކުރައްވަ އެވެ.

މިއީ އެމެރިކާ އަށް ބިރު ދެއްކުމުގެ ގޮތުން ނޯތު ކޮރެއާ އިން ތައްޔާރުކުރި ފުރަތަމަ ވީޑިއޯއެއް ނޫނެވެ. ނޯތު ކޮރެއާ އިން މިދިޔަ އަހަރު ވެސް ވަނީ "އެންމެ ފަހު ފުރުސަތު" ގެ ނަމުގައި ވީޑިއޯއެއް ނެރެފަ އެވެ. އެ ވީޑިއޯ އިން ދައްކުވައިދީފައި ވަނީ ވޮޝިންޓަނަށް ނިއުކްލިއާ ހަމަލާދޭ ތަނެވެ. އަަދި 2013 ވަނަ އަހަރު ނޯތު ކޮރެއާ އިން ތައްޔާރުކުރި ވީޑިއޯއެއްގަައި ވަނީ ކެލިފޯނިއާ އަށް ނިއުކްލިއާ ހަމަލާދޭ މަންޒަރު ވެސް ދައްކުވައިފަ އެވެ. މީގެ އިތުރުން ނޯތު ކޮރެއާ އިން ވަނީ އެމެރިކާ ސިފައިންނާ ދެކޮޅަށް ޕޯސްޓަރު ވެސް ތައްޔާރުކޮށްފަ އެވެ.

އެމެރިކާގެ ސިޓީއެއް ގޮއްވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ނޯތު ކޮރެއާ އިން ތައްޔާރުކޮށްފައި މި ވަނީ ކޮރެއާ ޕެނިންސުލާގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. ނޯތު ކޮރެއާ އިން މިހާތަނަށް ފަސް މިސައިލް ޓެސްޓްކޮށްފައިވާ އިރު އޮފިޝަލުން ބުނަނީ އެ ގައުމުން މިހާރު ދަނީ ވަރުގަދަ ޓެސްޓެއް ކުރަން ތައްޔާރުވަމުން ކަމަށެވެ.