ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާ ދުރުކުރުމަށް ފަހު، ވަކި ފަރާތަކަށް އިސްކަންދީގެން ކަމަށް ބުނެ ދެެއްކެވޭ ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި އޭގެ ބައެއް މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފާޑުކިޔައި އިންޑިއާ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވަނީ އިންޑިއާގެ އެހީގައި ތަރައްގީކުރާ ތިލަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ތިލަފުށީގެ ބަނދަރު މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ އެވެ.

އެއީ ދިވެހި ސަރުކާރުން ޗައިނާއަށް އިސްކަން ދިނުން ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެމްޕީއެލްގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްޕީއެލް

އެ ވާހަކަތއް ދޮގުކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އުމްރާނީ މަޝްރޫއުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

އެއީ ރާއްޖޭއާ އެހެން ގައުމުތަކާ މެދު އޮތް ގުޅުމަށް ނުވަތަ އެކަމާ ގުޅިގެން ދެކޭ ގޮތަށް ބަދަލެއް އައިސްގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބަނދަރުގެ ތަރައްގީކުރުމާއި އެ ތަނުގެ މިލްކުވެރިކަމާއި ހިންގުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ. ސަރުކާރުގެ މޯލްޑިވްސް ފަސްޓް ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށް، ހުރިހާ ބައިނަލްއަގުވާމީ ބައިވެރިންނާ އެކުވެސް ބިނާކުރަނިވި ގޮތެއްގައި ގުޅުން ދެމެހެއްޓުން،" މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަނދަރު ބޭރު ބަޔަކާ ހަވާލުކުރަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންއެފްގެ އެހެން ބައެއް އިސްބޭފުޅުން ވަނީ ތުހުމަތުކުރައްވައިފަ އެވެ.

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

މި މަޝްރޫއު ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.

މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.

އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ. 

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.

ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ވެސް ކުރި އެވެ. އެގޮތުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.