ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް މަތިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ ފަޔާޒުގެ މަގާމު މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.
އޭނާ މަތިކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި، މި ސަރުކާރުން އައްޔަންކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. އެމަނިކުފާނު މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތް ފަހުން، ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވަ އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ފަޔާޒު އައްޔަނު ކޮށްފައި ވަނީ 2023ވަނަ އަހަރު އެވެ.
ފަޔާޒަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށް ފަހު 2020 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
ފަޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.