ޖަޕާނުގައި މި މަހު 19 ގައި ފަށާ
އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް
ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދާއި، ޝޫޓަރު މަރިޔަމް އީޝަލް
މިސްބާހަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދީފި އެވެ.
އޭޝިއާގެ އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް
އޮންނާނީ ޖަޕާނުގެ އައިޗީ އާއި ނަގޯޔާގައި މި މަހު 19 އިން އޮކްޓޫބަރު 4 އަށެވެ.
ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރެއްގައި ވާދަކުރަން 81 މެމްބަރުންގެ
ކޮންޓިންޖެންޓެއް ބައިވެރިވާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ،
ޝޫޓިން، ސާފިން، ސްވިމިން އަދި ޓޭބަލް ޓެނިހެވެ. ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް
ޑި މިޝަނަކީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ޗެއާމަން އަހުމަދު ނާސިފެވެ.
މުންސިފް އާއި އީޝަލް އަށް ރާއްޖޭގެ ދިދަ
ހަވާލުކޮށްދެއްވީ އިއްޔެ އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓަރު
އަބްދުﷲ ރާފިއު އާއި އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)
އެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އިޝިގަމީ
ރުމިކޯ ބައިވެރިވެވަޑައިގެންނެވި އެވެ.
މުންސިފަކީ ރާއްޖޭގައި މި ފަހުން އުފެދުނު އެންމެ މޮޅު
ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ. ގައުމީ ޗެމްޕިއަންކަން ހޯދުމުގެ
އިތުރުން އޭނާ ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ
މަގާމް ވެސް ހޯދައިފަ އެވެ. އަދި މިދިޔަ 10 ވަރަކަށް އަހަރު ރާއްޖޭން ބޭރުގެ
ވަރަށް ގިނަ މުބާރާތްތަކެއްގައި އޭނާ ވަނީ ކުޅެފަ އެވެ.
އީޝަލް އަކީ މިދިޔަ އަހަރު ތައިލެންޑުގައި އޮތް އޭޝިއަން ޕިސްޓަލް
އެންޑް ރައިފަލް ކަޕުގެ ޖޫނިއާ އަންހެން ބައިން ރިހި މެޑަލް ހޯދި އެތުލީޓެވެ. އޭނާ
އަކީ އޭޝިއާގެ ފެންވަރުގެ މުބާރާތުން ރާއްޖެ އަށް މިހާ ބޮޑު ކާމިޔާބެއް ހޯދައިދިން
ފުރަތަމަ ޝޫޓަރު ވެސް މެ އެވެ.