މިއަހަރުގެ ޓީޗާސް ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށް، އެ ކޮންފަރެންސްގައި 300 ޓީޗަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ޓީޗާސް ކޮންފަރެންސަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ޓީޗަރުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަގާފެއް އާލާކުރުމުގެ ބޭނުމުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. 

އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އެ ކޮންފަރެންސް އޮންނާނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޝަހީދު އަލީ ސްކޫލުގަ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ކޮންފަރެންސްގައި މަޝްވަރާކުރެވި، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ކުރެވިދާނެ މަސައްކަތްތަކާ މެދު ހިޔާލު ބަދަލުކޮށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. 

މީގެ ކުރިން އަހަރެއްގައި ބޭއްވި ޓީޗަރުންގެ ކޮންފަރެންސްގައި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވަނީ..-

މީގެ ކުރިން އަހަރެއްގައި ބޭއްވި ޓީޗަރުންގެ ކޮންފަރެންސްގައި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވަނީ..-

މިނިސްޓްރީން ބުނި ގޮތުގައި 300 ފަރާތަކުން އެ ކޮންފަރެންސްގައި ބައިވެރިވާން ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން އެ ކޮންފަރެންސްގައި 70 ޕްރެޒެންޓޭޝަން ހުށަހަޅާނެ އެވެ. އަދި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިއާގެ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީގެ ފަރާތުން ކީ ނޯޓް ސްޕީޗެއް ވެސް ދެއްވާނެ އެވެ.

މިނިސްޓްރީން ބުނީ ކޮންފަރެންސްގެ ފުރަތަމަ ދުވަހު "ޝޭޕިން އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗާ ފޮ އެޑިޔުކޭޝަން" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް އޮންނާނެ ކަމަށެވެ. ދެވަނަ ދުވަހު ބާއްވާ ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިން އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވާސް ޕެތްވޭސް" އެވެ.

ކޮންފަރެންސްގެ ބައިވެރިންނަށް ހާއްސަކޮށް ޖުމްލަ ހަތަރު ވޯކްޝޮޕެއް ބާއްވާނެ އެވެ. އަދި ގއ. މާމެންދޫ ސްކޫލާއި މުހީއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ މިފަހަރުގެ ކޮންފަރެންސްގައި އިންޑިއާ އާއި ސްރީލަންކާ އަދި ޕާކިސްތާނާއި އިޖިޕްޓުގެ އިތުރުން އޮސްޓްރޭލިއާގެ ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ، ތައުލީމީ ދާއިރާ ކުރިއެރުވުމާއި ހަރުދަނާ ތައުލީމީ ނިޒާމެއް ބިނާކުރުމަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.