މީގެ 40 އަހަރު ކުރިން، 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު
މަހުގެ 15 ވަނަ ދުވަަހަކީ ރާއްޖޭގެ އިގްތިސާދާއި މެރިޓައިމްގެ ސިނާއަތުގައި
އާ ސަފުހާއެއް ހުޅުވިގެން ދިޔަ ދުަވަހެވެ. އެއީ މާލޭ ވިޔަފާރި ބަނދަރު ރަސްމީކޮށް
ހުޅުވި ދުވަހެވެ. މިއަދާ ހަމައަށް، އެ ބަނދަރުގެ އޮޕަރޭޓަރެއްގެ ގޮތުގައި އޮތް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފެށުން ވެސް ގުޅިފައި އޮތީ އެ
ދުވަހާ އެވެ.
ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށީގެ ގޮތުގައި، އިގްތިސާދީ ކުރިއެރުމުގައި މާލޭ ވިޔަފާރި
ބަނދަރަކީ މުހިންމު ބައިވެރިއެކެވެ. އެމްޕީއެލްއިން 40 ވަނަ އަހަރީ ދުވަސް
މިއަދު ފާހަގަކުރާއިރު، މާޒީގައި އޮތީ އެތައް ބައެއްގެ ބުރަ މަސައްކަތުން،
ފައްކާކުރި ދިވެހިރާއްޖޭގެ ޕޯޓުގެ ހިދުމަތެވެ.
މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރުން: އިގްތިސާދީ ކުރިއެރުމަށް މުހިންމު މަޝްރޫއެއް
ހަތް ދިހައިގެ ފަހުކޮޅު، ރާއްޖެއަށް ޓޫރިޒަމް
ތައާރަފްވެ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ޖެހިލި އެވެ. އޭރު ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ވެސް އޮތް އެއް ހުރަހަކީ ކަނޑުމަގުން
ގެންނަ މުދާ ބޭލުމަށް އެކަށީގެންވާ ބަނދަރެއް ނެތުމެވެ.
ދިވެހިރާއްޖެއަކީ
ޒަމާނުންސުރެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެކެވެ. އެކަމަކު 1986 ވަނަ އަހަރު
މާލޭ ވިޔަފާރި ބަނދަރު ހުޅުުވުމާ ހަމައަށް، ރާއްޖޭގެ އެއްވެސް ހިސާބެއްގައި
ރާއްޖޭން ބޭރުން ގެންނަ މުދާ ބޭލުމަށް ހާއްސަ ބަނދަރެއް ނެތެވެ.

މާލެ ހާބަރު ހުޅުުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު
ރާއްޖޭން ބޭރުން ގެންނަ މުދާ ބޭލުމަކީ އޭރު ބޮޑު
ތަކުލީފެކެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދިޔަ މިންވަރާ އަޅާބަލާއިރު، މުދާ
ބޭލުމުގެ ހިދުމަތަށް ވެސް ކުރިއެރުމެއް އަންނަންޖެހޭ ކަމަށް އޭރުގެ ސަރުކާރަށް
ގަބޫލުކުރެވުނެވެ. އޭރު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން މި މަޝްރޫއު ގެންދަން ދަތިތަކެއް ހުރި ނަމަވެސް، ގައުމުގެ އިގްތިސާދަށް ކޮންމެހެން ވެސް
މުހިންމު މަޝްރޫއަކަށްވާތީ ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ހެދުމުގެ މަޝްރޫއު ފެށި އެވެ.
ބަނދަރު ހުޅުވުމަށް 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ބޮޑު ހަރަދެއްކޮށް އެ ފަދަ މަޝްރޫއެއް ހިންގުމަކީ ދަތި ކަމެއް ނަމަވެސް، އެ މަޝްރޫއު ހިންގީ އެކަމުގެ މުހިންމު ކަމުން ކަމަށެވެ.

އެމްޕީއޭ ހުޅުވުމުގެ ރަސްމިއްޔާތް.
"ފަސޭހައިން، ރާއްޖެއަށް އަންނަ މުދާ
ބޭލޭނެގޮތާއި އަދި އަޅުގަނޑުމެންގެ އިގްތިސާދު މިހާރު ތަރައްގީ ކުރަމުން
ގެންދާއިރު ހިސާބަކަށް ނަމަވެސް ރާއްޖޭގައި ބައެއްކަހަލަ ސިނާއަތްތައް އުފެދެމުން
ދިޔުމާ އެކު، އަޅުގަނޑުމެން އުފައްދާ ތަކެތި ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި
އެތަކެތި ބޯޓުފަހަރަށް ބަރުކުރުމަށް، މިކަންތައްތައް މިހާރު އޮންނަގޮތަށްވުރެ
ފަސޭހަގޮތަކަށް، ލުއިގޮތަކަށް، އެހާގިނަ ދުވަސްތައް ހޭދަނުވާނެކަހަލަ ގޮތަކަށް،
އެއަށްވުރެ ހަރަދުކުޑަގޮތަކަށް އޮވެގެންނޫނީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް
ކުރިއަށްދެވޭކަށް ނޯންނާނެ،" އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.
ސަރުކާރުން
ހޯދި ލޯނަކުން، ބަނދަރުގެ ތަރައްގީކުރުމުގެ މަސައްކަތް ފެށީ 1985 ވަނަ އަހަރުގެ
ތެރޭގަ އެވެ. އަދި ބަނދަރުގެ މަސައްކަތް ފުރިހަމަކޮށް، ބަނދަރު ހިންގުމަށް 1986 ވަނަ އަހަރު، ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)
އުފައްދައި ސެޕްޓެންބަރު، 15 1986 ގައި ބަނދަރު ރަސްމީކޮށް ހުޅުވި އެވެ.

ކުރީގެ އެމްޕީއޭގެ ބިލްޑިން.
އެމްޕީއޭ، ކުންފުންޏަކަށް ބަދަލުކޮށް، އެމްޕީއެލްއަށް ނަން ބަދަލުކުރީ 2008
ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭގެ ފަހުން ވެސް، ބަނދަރު އިތުރަށް ތަަރައްގީކުރުމަށް މަސައްކަތްތައް ކުރި އެވެ. އެގޮތުން، ފާއިތުވި 40 އަހަރުގެ ތެރޭގައި
އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ބަނދަރަށް ބޭނުންވާ އިކުއިޕްމަންޓްތައް
ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ
އެހީތެރިކަމާއެކު، ބަނދަރު އިތުރަށް ތަރައްގީކުރުމަށް ދެ ފިޔަވައްސަކަށް
ބަހާލައިގެން މުހިންމު މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ. ފުރަތަމަ ފިޔަވަހީގައި
ހިންގި މަސައްކަތްތަކުގެ ތެރޭގައި އިރުމަތީ ފަރާތުގައި ކީވޯލެއް ހެދުމާއި،
ހުޅަނގު ފަރާތު ކީވޯލް އަލުން ރީފާނިޝްކުރުމާއި، މެރިންކްރާފްޓް ވޯކްޝޮޕެއް
ހެދުމާއި މެކޭނިކަލް ވޯކްޝޮޕެއް ހެދުން ހިމެނެ އެވެ. އަދި ސެކިއުރިޓީ އޮފީހެެއް
ހަދައި، ލައިޓިން ޕޯސްޓްތައް ހަރުކުރި އެވެ. އެ މަސައްކަތްތައް އެއްކޮށް
ފުރިހަމަކުރީ 1992 ވަނަ އަހަރު އެވެ.
އެ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި 101 މީޓަރުގެ ކީވޯލެއް
ތަރައްގީ ކުރި އެވެ. އެ މަސައްކަތް ނިންމައި، ކީވޯލް ރަސްމީކޮށް ހުޅުވީ 1997 ވަނަ
އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.
މިއަދާ ހަމައަށް ވެސް، ކޮންޓެއިނާ އުފުލާ ބޯޓުތައް ކައިރިކުރުމަށް މާލޭ
ވިޔަފާރި ބަނދަރުގައި ބޭނުންކުރަމުންދަނީ އެ ކީވޯލެވެ.
ދަތިތަކާއި
ގޮންޖެހުންތަކާ އެކު ވެސް ގައުމީ ހިދުމަތުގައި
ފާއިތުވި
40 އަހަރުގެ ތެރޭގައި، ގިނަ ގޮންޖެހުންތަކާއި ދަތިތަކެއް ކުރިމަތިިވި ނަމަވެސް،
ބަނދަރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްޕީއެލްއިން ދެއްކީ ނަމޫނާއެެކެެވެ.
ކޮންމެ ހާލަތެއްގައި ވެސް، ބަނދަރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެން އެ ކުންފުނީގެ މުވައްޒަފުން ކޮށްފައި ވަނީ ބުރަ މަސައްކަތެކެވެ. ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު
ނުރައްކަލުގެ ހާލަތު ކަމަށްވާ ކޮވިޑް-19ގެ ލޮކްޑައުންގައިވެސް، ބަނދަރުގެ ހިދުމަތް
ނުހުއްޓި ފޯރުކޮށްދިނުމަކީ އޭގެ މިސާލެކެވެ.

މާލެ ހާބަރު.
މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން އުފެދި، އޭގެ ސަބަބުން އޮޕަރޭޝަންސްތަކަށް
ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތާ އެތައް އަހަރެއްވެއްޖެ އެވެ. އެކަމުގެ ސަބަބުން މުދާ ބޭލުން ބައެއް ފަހަރު ލަސްވެ، ފާޑުކިއުންތައް އަމާޒުވި
ނަމަވެސް، އެމްޕީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ދެގޮތެއްނުވެ އެވެ. ބަނދަރު
ތޮއްޖެހުނު ނަމަވެސް، ބަނދަރުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެމުން ދަނީ މި
ވަގުތު ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ރޭވުންތެރިކަމާ އެކު އެ
ކުންފުނިން ކުރަމުންދާ މަސައްކަތްތަކުންނެވެ.
ތިލަފުއްޓަށް
ބަނދަރު ބަދަލުކުރުމުގެ އުންމީދީ މަޝްރޫއު
މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ، އެކަމާ ގުޅިގެން ދިމާވެފައިވާ
ދަތިތަކާއެކު ހިދުމަތް ފޯރުކޮށްދެމުންދާތާ އެތައް އަހަރެއްވެއްޖެ އެވެ. އޭގެ ކުރިންވެސް އެތައް ފަހަރު، އާ ބަނދަރެއް ހެދުމުގެ ރޭވުންތައް އެކުލަވާލި އެވެ.
އެކަމަކު، އަމަލީ ސިފައެއް ނުޖެހި، ބަނދަރުގެ ހިދުމަތް ކުރި ނާރައި، މަޑު ޖެހިފައި
އޮންނަތާ އެތައް އަހަރެއްވެއްޖެ އެވެ.

މާލެ ހާބަރުގައި ކޮންޓެއިނާ އުފުލުމުގެ މަސައްކަތް ކުރިއަށް ދަނީ.
މާލެ ވިޔަފާރި ބަނދަރަށް 40 އަހަރު ފުރުނުއިރު، އުދަރެހުގައި އޮތީ މާލޭ ވިޔަފާރު
ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އުންމީދީ މަޝްރޫއެވެ. މިއީ މި ވަގުތު
ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި،
ބަނދަރުގެ ހިދުމަތެއް އެތައް ގުނައެއް މަތިކުރެވޭނެ މަޝްރޫއެކެވެ.
މާލެ ވިޔަފާރި ބަނދަރު މިހާރު ހިނގަމުން ދަނީ ޒަމާނީ ޕޯޓެއްގެ ސިފަތައް ނެތި އެވެ. އޭގެ
ސަބަބުތައް ގިނައެވެ. އެންމެ ބޮޑު ސަބަބަކީ ޖާގައިގެ ދަތިކަމެވެ. އެކަމކު ތިލަފުށި ޕޯޓް ތަރައްގީކުރުމަށް ރާވާފައި ވަނީ، ޒަމާނީ ޕޯޓެއްގެ
ވަސީލަތްތަކާއެކު އެވެ. ތިލަފުށީގައި ފޯރުކޮށްދޭން ރާވަފައިވަނީ މިހާރަށްވުރެ
ޖާގައިގެ ގޮތުން ތަނަވަސް، ހިދުމަތުގެ ފެންވަރު ރަނގަޅު، އަދި ހަރުދަނާ ޕޯޓެއްގެ ހިދުމަތެވެ.

ތިލަފުށި ޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް މަޝްރޫއު ކަމަށެވެ.
" އިރާދަކުރެއްވިއްޔާ
މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، މާލޭގައި މިއޮތް ޕޯޓު
އެކީއެކައްޗަކަށް ތިލަފުށްޓަށް ބަދަލުކުރެވި، ތިލަފުށީގައި އެ ޕޯޓު ގާއިމުކުރެވި،
މިހާރު މާލޭގައި މިއޮތް ތާށިވުމުން، މި ކަސްތޮޅުން މިނިވަންކޮށްދީ، ޕޯޓު ބޮޑުކޮށް،
ރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާ ދުވަސް. މިހާރު މި ރާއްޖޭގައި މި ސަރުކާރުން
ހިންގާ އެންމެ އިސްކަންދޭ، އެންމެ މުހިންމު މަޝްރޫއަކީ، ތިލަފުށްޓަށް ޕޯޓު
ބަދަލުކުރުމުގެ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އިގްތިސާދީ ވައުދުފުޅަކީ 2027 ވަނަ
އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ތިލަފުށީ ބަނދަރުގެ ހިދުމަތް ފެށުމެވެ.