ސައޫދީ އަރަބިއްޔާއިން އެ ގައުމުގެ ހުޅަނގުގައިވާ ޖިއްދާ، މައްކާ އަދި ތާއިފަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ކަމަށް އިންޒާރު ދީ އެ ސިޓީތަކުގައި ތިބި މީހުން ރައްކާތެރިވާން އަންގައިފި އެވެ. 

ސައޫދީ ސިވިލް ޑިފެންސުން މި އިންޒާރުތައް ނެރެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ނޭޝަނަލް އާލީ ވޯނިންގް ޕްލެޓްފޯމް މެދުވެރިކޮށެވެ. ނަމަވެސް، ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނުރައްކަލުގެ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި އިންޒާރު އައިސްފައި މި ވަނީ ޔަމަންގެ ހޫތީން ސައޫދީއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. 

އިންޒާރުގައި ވަނީ އާންމުން ހަމަޖެހިގެން ތިބުމަށާއި، އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ވަނުމަށް އަންގައިފަ އެވެ. އިމާރާތެއްގެ އެތެރެއަށް ނުވަތަ ކުޑަދޮރުތަކާ ދުރުގައިވާ އެތެރޭގެ ކޮޓަރިއަކަށް ވަދެ، ނުރައްކާ ފިލަންދެން ތިބުމަށް އިރުޝާދު ދީފައިވެ އެވެ. މީގެއިތުރުން، ހާމައަށް ހުންނަ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނިތަކުގެ އިތުރުން ފުރާޅުތަކާ ދުރުގައި ތިބުމަށް ސިވިލް ޑިފެންސުން އިލްތިމާސްކޮށްފައިވެ އެވެ. ބޭރުގައި އުޅޭ މީހުން އެންމެ ކައިރީގައިވާ އިމާރާތަކަށް ވަނުމަށް ނުވަތަ ރަނގަޅަށް ރައްކާތެރިކަން ލިބޭ ތަނަކުން ހިމާޔަތް ހޯދަން ވަނީ އަންގައިފަ އެވެ.

މި އިންޒާރު ލިބޭ ވަގުތު ވެހިކަލްތަކުގައި ތިބޭ މީހުން، ފާލަންތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށް އިރުޝާދު ދީފައިވެ އެވެ. އަދި އާންމުން އެއްވެ އުޅުމާއި ނުރައްކާތެރި ސަރަހައްދުތަކަށް ދިއުމުން ދުރުހެލިވެ، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ދޭ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އެދިފަ އެވެ.

މި އިންޒާރުތައް ނެރެފައިވަނީ ސައޫދީ އަރަބިއްޔާ އާއި މަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައޫދީގެ ރަށްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯނުން ހަމަލާ ދީފަ އެވެ. އަދި ސައޫދީ ސިފައިން ވަނީ މީގެ ރައްދުގައި ޔަމަންގައިވާ ހޫތީންގެ މަރުކަޒުތަކަށް ހަމަލާތައް ދީފަ އެވެ.