ހަލާލު ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބާރުލުން އިތުރުކުރަން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވީ ޓޫރިޒަމަކީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް "ފާލަމެއް" ކަމަށާއި ޓޫރިޒަމް ކުރިއެރުވުމުގައި އެއްބާރުލުން އިތުރުކުރަން ދެ ގައުމުން އެއްބަސްވި ކަމަށެވެ.
"ޓޫރިޒަމް ކުރިއެރުވުމުގައި އެއްބާރުުލުން އިތުރުކުރަން އަޅުގަނޑުމެން އެއްބަސްވިން، ހަލާލު އިންޑަސްޓްރީ އާއި ކަލްޗަރަލް އިންޑަސްޓްރީ އަދި މުސްލިމް-ފްރެންޑްލީ ޓްރެވެލް [ކުރިއެރުވުމުގައި އެއްބާރުލުން އިތުރުކުރަން ވެސް]،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުކުރަން ވެސް މެލޭޝިއާ އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރާނެ އެވެ. ރައްޔިތުންގެ ގުޅުން ބަދަހިކުރުުމުގެ ފުރުސަތު އިތުރުކޮށް އީކޯ ޓޫރިޒަމް ކުރިއަރުވަން ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާއިން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ގުޅިގެން މަސައްކަތްކުރުމަށާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއް ގާއިމްކުރުމަށް ކުރަން ޖެހޭ މަަޝްވަރާތައް ފަށަން މަޝްވަރާތަކުގައި އެއްބަސްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެފަދަ އެއްބަސްވުމެއް ގާއިމްކުރެވިއްޖެ ނަމަ ދެ ގައުމުގެ ވިޔަފާރިތަކަށް ވެސް އިތުރު ފުރުސަތުތައް އުފެއްދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބަލަން މެލޭޝިއާ ސަރުކާރަށާއި އެގައުމުގެ ވިޔަފާރިތަކަށް އަޅުގަނޑު ދައުވަތު ވެސް ދިނިން،" ރައީސް ވިދާޅުވި އެެވެ.
އިންވެސްޓްމެންޓް ފުރުސަތުތައް ބަލަން އެ މަނިކުފާނު ދައުވަތު ދެއްވި ހާއްސަ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަދި އިސްލާމިކް ފައިނޭންސިން އެވެ.