މާލެ ސަރަހައްދުގެ ޓްރެފިކްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އައްޔަންކޮށްފި އެވެ.
މިދިޔަ މަހު ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި، މާލެ އާއި ހުޅުމާލޭގެ ޓްރެފިކް ކަންކަމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދަން ޖެހެ އެވެ.
މާނިއު ވަނީ އެ އޮފީހުގެ އިސްވެރިއަކަށް މިދިޔަ ހަފުތާގައި އޭނާ ހަމަޖެއްސިކަން "މިހާރު"އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
މި ސަރުކާރުގައި މާނިއު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލަކަށެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކި ކުރުމަށްފަހު ފަހުން ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ. އަދި އެ މަގާމުން އޭނާ ފަހުން އިސްތިއުފާ ދެއްވީ އެވެ.
ތިން އަހަރު ދުވަހަށް އުފެއްދި އޮފީހުގެ ޒިންމާތަކުގެ ތެރޭގައި؛
މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ސިޔާސަތު ކަނޑައެޅުން
- އެއްގަމު ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން އާބަން ޕްލޭނެއް ކަނޑައަޅައި މަގުތައް ތަރަައްގީކުރުން
- ޕަބްލިކް ޓްރާންސްޕޯޓްގެ އުސޫލުތައް ކަނޑައެޅުން
- މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކޯޓާ ކަނޑައެޅުން. ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރަށް އުޅަނދު ރަޖިސްޓްރީކޮށްދިނުން
މާލެ ސަރަހައްދަށް ހާއްސަ އެ އޮފީސް ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.
އެ ގާނޫނު ތަސްދީގުކުރަން މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލެ ސަރަހައްދަށް ހާއްސަކޮށް އުފައްދާ އޮފީހަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ލިބޭނެ އޮފީހެއް ކަމަށެވެ. އަދި އެއީ ވަރަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާއިން ނިންމެވި ނިންމެވުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.