މައްކާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީއަރަބިއްޔާއަށް ދޭ ހަމަލާއެއް މާތްވެގެންވާ މައްކާއަށާއި ޖިއްދާއަށާއި ތޯއިފަށް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުން މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަން ދިވެހި ސަރުކާރުން ވަނީ ޔަގީންކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާއިން މިއަދު ވަނީ އެ ގައުމުގެ ހުޅަނގުގައިވާ ޖިއްދާ، މައްކާ އަދި ތާއިފަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ކަމަށް އިންޒާރު ދީ އެ ސިޓީތަކުގައި ތިބި މީހުން ރައްކާތެރިވާން އަންގައިފަ އެވެ.
ސައުދީން އެގޮތަށް އިންޒާރުދީފައި ވާތީ މައްކާގައި ތިބި ދިވެހިންގެ ހާލު ބެއްލެވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
"މައްކާގައި މިވަގުތު ތިބި އެންމެހާ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު. އެއްވެސް ނުރައްކަލެއް ނެތް، އަލްޙަމްދުލިﷲ،" އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތުދޭ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވި އެވެ.
މައްކާއަށާއި ތާއިފަށާއި ޖިއްދާއަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ ސައޫދީ ސިވިލް ޑިފެންސުން އިންޒާރުތައް ނެރުނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނުރައްކަލުގެ ތަފްސީލެއް ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމަކު ހާމައެއް ނުކުރެ އެވެ.
އިންޒާރު އައިސްފައި މިވަނީ ޔަމަންގެ ހޫތީން ސައޫދީއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.
އިންޒާރުގައި ވަނީ އާންމުން ހަމަޖެހިގެން ތިބުމަށާއި، އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ވަނުމަށް އަންގައިފަ އެވެ. އިމާރާތެއްގެ އެތެރެއަށް ނުވަތަ ކުޑަދޮރުތަކާ ދުރުގައިވާ އެތެރޭގެ ކޮޓަރިއަކަށް ވަދެ، ނުރައްކާ ފިލަންދެން ތިބުމަށް އިރުޝާދު ދީފައިވެ އެވެ. މީގެއިތުރުން، ހާމައަށް ހުންނަ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނިތަކުގެ އިތުރުން ފުރާޅުތަކާ ދުރުގައި ތިބުމަށް ސިވިލް ޑިފެންސުން އިލްތިމާސްކޮށްފައިވެ އެވެ. ބޭރުގައި އުޅޭ މީހުން އެންމެ ކައިރީގައިވާ އިމާރާތަކަށް ވަނުމަށް ނުވަތަ ރަނގަޅަށް ރައްކާތެރިކަން ލިބޭ ތަނަކުން ހިމާޔަތް ހޯދަން ވަނީ އަންގައިފަ އެވެ.
މި އިންޒާރު ލިބޭ ވަގުތު ވެހިކަލްތަކުގައި ތިބޭ މީހުން، ފާލަންތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށް އިރުޝާދު ދީފައިވެ އެވެ. އަދި އާންމުން އެއްވެ އުޅުމާއި ނުރައްކާތެރި ސަރަހައްދުތަކަށް ދިއުމުން ދުރުހެލިވެ، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ދޭ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އެދިފަ އެވެ.
މި އިންޒާރުތައް ނެރެފައިވަނީ ސައޫދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައޫދީގެ ރަށްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯނުން ހަމަލާ ދީފަ އެވެ. އަދި ސައޫދީ ސިފައިން ވަނީ މީގެ ރައްދުގައި ޔަމަންގައިވާ ހޫތީންގެ މަރުކަޒުތަކަށް ހަމަލާތައް ދީފަ އެވެ.