ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ އިތުރުން ޖިއްދާ އަދި ތާއިފަށް "ވައިގެ މަގުން ހަމަލާއެއް ދީފާނެ" ކަމުގެ ނުރައްކާ މިހާރު ފިލާފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސުން ބުނެފި އެވެ.
މިއަދުގެ ވަގުތެއްގައި ސައުދީގެ ނެޝަނަލް އާލީ ވޯނިން ސިސްޓަމް މެދުވެރިކޮށް، ކުއްލި ނުރައްކަލުގެ ރެޑް އެލާޓް ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އެންގި އެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން މައްކާއަށް މިފަދަ އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، އެލާޓް ނެރުނުތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ސިވިލް ޑިފެންސުން ވަނީ ނުރައްކާ އެއްކޮށް ފިލާފައިވާ ކަމަށާއި، މައްކާގެ މަސްރަހު މިހާރު އަމާންވެފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އިދާރާތަކުން ވަނީ އާންމުންނަށް ބައެއް އިރުޝާދުތައް ދީފަ އެވެ.
ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
- ސަލާމަތީ ބާރުތަކުގެ ހަރަކާތްތަކާއި މަގުމަތީގެ މަންޒަރުތައް ފޮޓޯ ނުވަތަ ވީޑިއޯ ނުކުރުން.
- ސަރުކާރުގެ ރަސްމީ އިދާރާތަކުން ނެރޭ ބަޔާންތަކަށް ސަމާލުވުން.
މި އެލާޓްތައް ނެރެފައިވަނީ ޔަމަނުގެ ހޫތީން ސައުދީގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކަކާ ގުޅިގެންނެވެ. ސައުދީ ޑިފެންސް މިނިސްޓްރީން ބުނީ މައްކާ އާއި މަދީނާ ހިމެނޭހެން ގައުމުގެ ވައިގެ ސަރަހައްދު ދިފާއުކުރުމަށް އެއާ ޑިފެންސް ފޯސްތައް މިހާރު އޮތީ އެންމެ މަތީ އެލާޓްގައި ކަމަށެވެ.
މި އިންޒާރު ދިން ނަމަވެސް ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައެއް ނުވެ އެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތެއްގައި ދަނީ ކުރިއަށެވެ. ނަމަވެސް މިއަދު ކުރިން ނެރުނު ކުއްލި އެލާޓްތަކާ ގުޅިގެންނާއި ސަރަހައްދީ ވައިގެ ބައެއް ސަރަހައްދުތަކަށް އައި ބަދަލުތަކުގެ ސަބަބުން، ގަލްފް ސަރަހައްދުގެ ގިނަ ފްލައިޓްތަކެއް ވަނީ ލަސްވެ އަދި ބައެއް ފްލައިޓްތައް ކެންސަލްވެފަ އެވެ. މީގެ އިތުރުން ޖިއްދާ އެއާޕޯޓުން ދަތުރުކުރާ ބައެއް ފްލައިޓްތަކުގެ ރޫޓުތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ސައުދީ ސަރުކާރުން ވަނީ މައްކާގެ ހަރަމްފުޅާއި އުމްރާވެރިން އުޅޭ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށްފަ އެވެ. މައްކާއަށް ވަންނަ ހުރިހާ ދިމާލެއް ސަލާމަތީ ބާރުތަކުން ދަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ބަލަހައްޓަމުންނެވެ. މައްކާއަށް ނެރުނު އެލާޓް މިނެޓްކޮޅެއްގެ ތެރޭގައި އުވާލާފައިވާތީ، ހަރަމްފުޅުގައި އަޅުކަން ކުރުމުގެ ކަންކަން އާންމު ހާލަތުގައި މިހާރު ކުރިއަށްދެ އެވެ.
ސަލާމަތީ ކަންކަމުގެ އިތުރުން، މި ދުވަސްވަރު މައްކާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން، ފެންބޮޑުވާ ވާދީތަކާ ދުރަށް ދިއުމަށް ސިވިލް ޑިފެންސުން އިރުޝާދު ދެ އެވެ.