މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 638.0 މިލިއަން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް މަތިވެފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން އެއީ 0.9 ޕަސެންޓުގެ ކުރިއެރުމެކެވެ. 

ރަސްމީ ރިޒާވް މަތިވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ނުވަތަ 9.6 ޕަސެންޓަށް ދަށްވެފަ އެވެ.

ބޭނުންކުރެވޭ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮގަސްޓް މަހު އެމްއެމްއޭ އަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަަށް ވުރެ އެ އިދާރާ އިން ބޭރު ފައިސާ ވިއްކި ޖުމުލަ އަދަދު އިތުރުވުން ކަމަށް ބުންޏެވެ.

"ބޭންކިން ނިޒާމުގެ ތެރެއިން ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް އޮގަސްޓް މަސް ތެރޭގައި ބޭންކްތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރު ވަނީ ކުރީ މަހާ އަޅާބަލާއިރު 13.8 ޕަސެންޓުން އިތުރުވެފަ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މިދިޔަ ޖުލައިމަހާ އަޅާބަލާއިރު މީރާގެ ޓެކްސް އަދި ނޮންޓެކްސްގެ ގޮތުގައި އެމްއެމްއޭ އަށް ލިބުނު ބޭރުފައިސާ 14.3 ޕަސެންޓުން ދަށްވި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.