ގައުމަށް ތަރައްގީ އާއި ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން އެއް ވެރިއަކު ދެ ދައުރު ވެރިކަން ކުރެއްވުން މުހިއްމު ކަމަށާއި މިރޭ ފެށި ކޮންގްރެސްގައި ޕީއެންސީގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޕީއެންސީގެ ދެވަނަ ކޮންގްރެެސް ފެށުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ ކަމަށެވެ. ދިވެހިން ބޭނުންވާ އަމާންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ގިޔާދަތުގައި ޕީއެންސީ ދެ ވަނަ ދައުރަކަށް ވެރިކަމަށް އައިސްގެން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންގްރެސްއާ އެކު އެ މަސައްކަތް އަދި ކިރިޔާ ފެށުނީ އެވެ. އާއްމު މެމްބަރުން އެއް ރޫހެއްގައި ތިބެ އެ ޕާޓީން އަމާޒު ހިފަންވީ ރައީސް މުއިއްޒުގެ ދެ ވަނަ ދައުރަކަށް ކަމަށް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގެ މިނިވަންކަމުގެ "ރަތްރޮނގު" ހުރަސްކުރުމުގެ ފުރުސަތު އެހެން އެއްވެސް ބަޔަކަށް ނުދީ، އަމިއްލަ ވަންތަ ދިވެހިރާއްޖެއެެއް ބިނާކުރައްވަން ކަމަށެވެ. އެކަން ފަހިކުރުމަށް ވެސް އެމަނިކުފާނަށް އިތުުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

ޕީއެންސީގެ ކޮންގްރެސްއަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީގެ ކޮންގްރެސްއަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަން އެބަޖެހޭ، ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަރައިގެންދާން އެބަ ޖެހޭ. ދިވެހި ރައްޔިތުން އަމާންކަމާ އެކީގައި ދިރިއުޅުމުގެ ފުރުސަތު ދޭން އެބަ ޖެހޭ. ދިވެހިރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަން އެބަ ޖެހޭ. މިކަން ކުރެވޭނީ 10 އަހަރު، މަދުވެގެން 10 އަހަރު އެއް ވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ނިންމާލާފައި ޕީއެންސީގެ މެމްބަރުން ދާން ވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ކަމަރު ބަނދެގެން ކަމަށެވެ. އެކަމަރަށް ދުލެއް ޖައްސައިލަން ވާނީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސް މިރޭ ފެށުމުގެ ރަސްމިޔާތުގައި، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަަޑައިގެން އިންނެވިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު އިންނަވަނިކޮށް އެ މޭރުމުން ވާހަކަފުޅުދައްކަވަން ޖެހިވަޑައިގަންނަވާތީ މައާފަށް އެދިވަަޑައިގަންނަވާ ކަމަށެެވެ.

"ވަރަށް ބޮޑަށް މާފަށް އެދެން ކުރީގެ ރައީސަކު މިތާ އިންނެވީމާ. އެއްގޮތަކަށް ވެސް އެެއްޗެއް ހީފުޅު ނުކުރެއްވުން އެދެން. އަޅުގަނޑު ޝުކުރުދަންނަވަން ރައީސް ނަޝީދު މިރޭގެ ޖަލްސާއަށް ވަޑައިގެންނެވީތީ. އެކަމަކު އަޅުގަނޑުމެންނަކީ ސިޔާސީ މަސައްކަތްކުރާ މީހުން. ސިޔާސީ ޕާޓީ އުފައްދަނީ ވެރިކަން ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީއެންސީން ގައުމު އިސްކޮށް އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންގެ ކަންތައްތަައް ދިވެހިން އަމިއްލައަށް ނިންމުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. ދިވެހިން އެދޭ ފަދަ ދިވެހިރާއްޖެއެއް ހޯދައިދިނުން ނޫން ވިސްނުމެއް، ފިކުރެއް އެ ޕާޓީން ނުގެންގުޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.