ރާއްޖެއަށް ހަމަޖެހުން ގެނެވޭނީ ސިޔާސީ ޕާޓީތަކުން، އެ ޕާޓީގެ މަސްލަހަތަށް ވުރެ ގައުމު އިސްކޮށްގެން ކަމަށާއި ގައުމީ ކަންކަމުގައި "އެކައްޗެއް ކިޔަން ޖެހޭ" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ އެއްކޮށް ހަލާކުވެފައި ކަމަށެވެ. އެކަން ރަނގަޅު ކުރުމަކީ ހަމައެކަނި އެމަނިކުފާނަށާއި އެމަނިކުފާނުގެ ޕާޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ޕާޓީގެ އިސްވެރިން. އެންމެ ފުރަތަމަ ގައުމު އިސްކުރަން ސިޔާސީ ޕާޓީތަކަށް ރައީސް ގޮވާލެއްވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ޕާޓީގެ އިސްވެރިން. އެންމެ ފުރަތަމަ ގައުމު އިސްކުރަން ސިޔާސީ ޕާޓީތަކަށް ރައީސް ގޮވާލެއްވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަސްލަހަތުގެ ކުރިއަށް ގައުމު އިސްކުރަން ޖެހުނަސް، އެގޮތަށް އިދިކޮޅު ޕާޓީން އަމަލުކުރާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ސިޔާސީ ގޮތުން ގެއްލުންދޭން ކުރާ މަސައްކަތުގައި ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ތަން ކަމަށް ވިދާޅުވި އެވެ.

މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެދިވަޑައިގަންނަވަނީ މިކަމުގައި ވިސްނައި އިދިކޮޅު ޕާޓީން ވެސް ގައުމު އިސްކުރަން ކަމަށް ވިދާޅުވި އެވެ. 

"ހިނގާށޭ ގައުމީ ކަންކަމުގައި އެންމެން އެކައްޗެއް ކިޔަމާ. އެޔޭ މި ގައުމަށް ސްޓެބިލިޓީ، ހަމަޖެހުން އަންނާނެ ގޮތަކީ. ހަމަޖެހުން އަަޅުގަނޑުމެން ގެންނަން ބޭނުންވަނީ ހަގީގީ މާނައިގައޭ، އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކަންކަމަށް އެކައްޗެއް ކިޔާ ނަމަ މިގައުމަށް ހަމަޖެހުން އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ގައުމީ މަސްލަހަތު އިސްކުރަން ރައީސް އެދިވަޑައިގަތީ، ސަރުކާރުން ފަށަން އުޅޭ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގައި ބައިވެރިވާން ޕާޓީތަކަށް ދައުވަތު ދެއްވުމުން ޕީއެންސީ ނޫން އެހެން ޕާޓީއަކުން ބައިވެރި ނުވާތީ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު އެވެ. އެެއީ ގައުމީ ކަންކަމުގައި ވެސް ބައެއް ޕާޓިތަކުން އެެއްބާރުލުން ނުދޭ ކަމުގެ މިިސާލެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕީއެންސީއަކީ ވަަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރާ ޕާޓީއެކެވެ. އެ ޕާޓީން އަބަދުވެސް އެންމެ ފުރަތަމަ އިސްކުރަނީ ގައުމުކަމަަށާއި އެ ޕާޓީގެ މެންބަރުންގެ ހިތާ ރޫހު ގުޅިފައި ވަނީ ގައުމާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމީ ފިކުރު، ގައުމުގެ މާތްވެގެންވާ އިސްލާމްދީން، އެއީ އަޅުގަނޑުމެންގެ ހަމައެކަނި އަސާސް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު އިސްކުރުމުގައި ޕީއެންސީގެ ފިކުރު ބިނާކޮށްފައި އޮތީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ހަަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ތަންފިޒުކުރާ ސިޔާސަތުތައް ވެސް ބިނާކޮށްފައި ވާނީ އެ ތިން އަސާސްގެ މައްޗަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ކުރާނީ ވެސް އެ ތިން އަސާސްގެ މަތީގަ އެވެ. ޒިންމާދާރު ސިޔާސީ މަސައްކަތަކީ އެއީ ކަމަށާއި ސިޔާސީ މަސައްކަަތަކީ އޭގައި ބަލައިނުގަނެވޭ ފަދަ ނުރަނގަޅު ކަންތައްތަކެއް އޮންނަން ޖެހަޭ މަސައްކަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑރ. މުއިއްޒު: ގައުމީ މަސްލަހަތުގެ ކުރިއަށް ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްނުކުރަން އެމަނިކުފާނު އެދިވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑރ. މުއިއްޒު: ގައުމީ މަސްލަހަތުގެ ކުރިއަށް ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްނުކުރަން އެމަނިކުފާނު އެދިވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ސިޔާސީ މަޝްރަހު ފުރޮޅެމުން އައި ގޮތުން ޒުވާނުނަށް ވިސްނިފައި އޮތީ، ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ މަސައްކަތް ވަރަށް ހަޑި ކަމެއްގެ ގޮތުގަ އެވެ. ސިޔާސީ މަސައްކަތަކީ ބަޔަކު ކައިރިވާން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށް ޒުވާނުންނަށް ވިސްނިފައިވާ ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.