ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ނުކުރީ އެ ހުކުމް ބަދަލު ކުރެވޭނެ ސަބަބެއް ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިމެނޭ ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. އަދި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުއްދަތުގައި ޕީޖީން ހައި ކޯޓަށް އެ މައްސަލަ ހުށަހަޅާފައެއް ނުވެ އެވެ. އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ އިސްތިއުނާފް ކޮށްގެން ނަތީޖާ ބަދަލު ކުރެވިދާނެފަދަ ގާނޫނީ ނުކުތާއެއް ނެތުމުން ކަމަށެވެ.
ސަން ކުންފުނީގެ މައްސަލާގެ ހުކުމްކުރި ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި އޭގެ ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެ އެވެ.
ސަން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި ނަމަވެސް ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ. އަދި އެ ހިސާބުގައި އެ މައްސަލަ އޮންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.