22 އެޕްރީލް 2017 - 13:29

މެންޗެސްޓާ (އޭޕްރިލް 22) – މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗުގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެންޑަލެކްޓް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި އިބްރަހިމޮވިޗުގެ ކަކުލަށް އަނިޔާވީ ބޯޅައެއް ހޯދުމަށް ފުންމައިގެން އެރުމަށް ފަހު ތިރިވި އިރު ކަކޫ ނުއަތަށް ލެނބިގެންނެވެ. އޭނާގެ ކަކުލުގެ ކްރުޝިއޭޓް ލިގަމެންޓަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނިޔާގެ ތަފްސީލެއް ޔުނައިޓެޑުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މެޗަށް ފަހު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަނިޔާ ސީރިއަސް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ލިގަމެންޓަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދަން އޮޕަރޭޝަނެއް ކުރަން ޖެހޭއިރު އެއަށް ފަހު ދިގު މުއްދަތުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އާއްމުކޮށް މިފަދަ އަނިޔާތަކަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އަންނަ ހަ މަހާއި އަށް މަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.
ހިލޭ ޓްރާންސްފާއެއްގެ ދަށުން މި ސީޒަނުގައި ޔުނައިޓެޑާ ގުޅި 46 މެޗުން 28 ގޯލް ޖަހާފައިވާ ފޯވާޑަށް ނުކުޅެވުމަކީ، ޔުރޮޕާ ލީގުގެ ތަށްޓަށް އަމާޒު ހިފާފައިވާ ޔުނައިޓެޑަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. އެ ޓީމުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑަކީ ވެސް އޭނާ އެވެ.
މި ސީޒަނަށް ފަހު އޭނާ ޔުނައިޓެޑް ދޫކޮށް އެމެރިކާގެ މޭޖާ ލީގަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާއިރު މި އަނިޔާއާ ގުޅިގެން އޭނާގެ ކުރިމަގާ މެދު ވެސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
އަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، އޭސީ މިލާން އަދި ޕީއެސްޖީ އަށް ކުޅެފައިވާ އިބްރަހިމޮވިޗުގެ މި ޖީލުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފިޓްނަސް ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. އުމުރުން ދުވަސް ވިޔަސް އޭނާ ދައްކަމުން އަންނަ ކުޅުން އެކަމަށް ހެކިވެ އެވެ.