ފިޔޯރީ އަށް އަދިވެސް ކަރަންޓެއް ނުލިބޭ
ފިޔޯރީ އަށް އަދިވެސް ކަރަންޓެއް ނުލިބޭ

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖެނެރޭޓަރު ހަލާކުވުމާ ގުޅިގެން އަދިވެސް އެ ރަށަށް ކަރަންޓު ނުލިބޭ ކަމަށް އެ ރަށުން ބުނެފި އެވެ.

ފިޔޯރީ އިންޖީނުގޭގެ ބެޓެރި ސެޓް ގޮވައިގެން އަލިފާން ރޯވެ ޖެނެރޭޓަރު އެނދުމާ ގުޅިގެން، ގއ. ދެއްވަދޫން ޖެނެރޭޓަރެއް ގެންގޮސް ކަރަންޓު ދޭން، އެ ވަގުތުން ފެށިގެން ވަނީ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އިދުރީސް އަބްދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިޔޯރީ އަށް ކަރަންޓު ނުދެވި ގިނަ އިރުތަކެއް ވެގެން ދިޔައީ، ފުލުހުން ތަހުގީގު ކުރަމުން ދާތީ އިންޖީނު ގެއަށް ވަނުމުގައި ދަތިތަކެއް ދިމާވެގެންނެވެ.

އިދުރީސް ވިދާޅުވި ގޮތުގައި ދެއްވަދޫން ގެންދިޔަ 180 ކިލޯވޮޓްގެ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ޓެކްނިކަލް ޓީމުތަކުންނެވެ. އެ ރަށަށް ޖެނެރޭޓަރު ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުން ކަރަންޓު ކެނޑުނުތާ 24 ގަޑިއިރަށްވުރެ ގިނަ އިރު ވަނީ ވެފަ އެވެ.

"ހާދިސާ ހިނގި އިންޖީނުގެ ކައިރީގައި ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު ދެވޭތޯ މަސައްކަތް ކުރަނީ. ބައެއް ތަކެތި ގދ. ތިނަދޫން ވެސް ވާނީ ރަށަށް ގެންގޮސްފައި،" އިދުރީސް ވިދާޅުވި އެވެ.

އިދުރީސް ވިދާޅުވީ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ރަށު ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ފެނަކަ އަށް ލިބެމުން އަންނަ ކަމަށެވެ.

"ފިޔޯރީން ކަރަންޓު ކަނޑައިގެން ދިޔަ ހިސާބުން ފެށިގެން ޓެކްނިކަލް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުން ރަށަށް ކަރަންޓު ދެވޭތޯ." އިދުރީސް ވިދާޅުވި އެވެ.

އިދުރީސް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ޖެނެރޭޓަރު އެެއްކޮށް އަނދާފައި ވިޔަސް، އިންޖީނުގެ އެއްކޮށް އަނދާފައެއް ނުވެ އެވެ. އިއްޔެގެ ހުކުރު ވަގުތު ހިނގި މި ހާދިސާގައި އިންޖީނުގޭގައި އެ ވަގުތު ޑިއުޓީ އަށް ހުރި އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ ވަނީ ނިޔާވެފަ އެވެ. ޓެކްނީޝަނެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރި ޒުވާނާ އޮތީ ސިފަ ވެސް ނޭނގޭ ވަރަށް އަނދައިފަ އެވެ.

ފިޔޯރީއަކީ 1200 އެއްހާ މީހުންގެ އާބާދީ އޮތް ރަށެކެވެ.

ފިޔޯރީ ހިމެނޭ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ނާޒިދުގެ އާއިލާ އަށް އިނާޔަތެއް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމެވިކަމަށް ވިދާޅުވެފަ އެވެ. އަދި އާއިލާގެ މެމްބަރަކަށް ވަޒީފާ ދޭން ވެސް ރައީސް ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެމްބަރު ލަތީފްގެ ފަރާތުން ވެސް ނާޒިދުގެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ.