22 އެޕްރީލް 2017 - 21:21

ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ ދިވެހި އިސް މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަރުވެފައިވަނީ ފަންސަވީހަކަށް އަހަރުގެ ރާފިއު މުހައްމަދު (ރާއްޕެ) އެވެ. އޭނާ ސީރިއާގައި ދިރިއުޅެމުން އަންނަތާ ފަސް އަހަރެއްހާ ދުވަސްވެފައިވާ ކަމަށްވެ އެވެ.
ސީރިއާގެ ހަބަރުތައް ގެނެސްދޭ ބިލާދުއް ޝާމް މީޑިއާ އިން ބުނި ގޮތުގައި އަބޫ ޔޫނުސް އަލް މާލްދީފީ (ރާއްޕެ) މަރުވީ ސީރިއާގެ އުތުރުގައި ހަމާގެ ތާއިބަތުލް އިމާމް އަވަށުގައި ކުރީ ސަފުގައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.
ރާއްޕެގެ ގާތް މީހުން ބުނި ގޮތުގައި އޭނާ އަކީ ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ހުރި ޒުވާނެކެވެ. ހަނގުރާމަ އަށް ދިއުމުގެ ކުރިން އޭނާ ސީރިއާ އަށް ގޮސް އެކަމާ ގުޅޭ ގޮތުން ތަމްރީނު ވެސް ހޯދި ކަމަށް އެ މީހުން ބުންޏެވެ.
"ސީރިއާގައި އުޅޭ ދިވެހިންގެ ތެރެއިން އިސް މީހެއް އޭނާއަކީ،" އޭގެ ތެރެއިން މީހަކު ބުންޏެވެ.
ސީރިއާގައި ކުރާ ދާހިލީ ހަނގުރާމައިގައި ބައިވެރިވި ވާން ގިނަ ބައެއް ދިވެހިން ވަނީ ގޮސްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުންނެވެ.
ސީރިއާ އަށް ދާ ގިނަ ދިވެހިން ގުޅެނީ އަލްގައިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ޖަމާއަތާ އެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ސިފައިންނާ އެވެ. އެ މީހުންނާ ގުޅިގެން ހަނގުރާމަ ކުރަނިކޮށް އެތައް ދިވެހިންނެއް މަރު ވެސް ވެފައިވެ އެވެ.